ނައިޖާގެ އަސްކަރީ ބަޣާވާތާ މުއާމަލާތް ކުރުމުގައި ހުޅަނގު އެފްރިކާގެ ގައުމުތައް ބައިބައިވެއްޖެ

ނައިޖަރ ގެ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުއްރަހްމާން ތިޔާނީ

ނިޔާމޭ (01 އޮގަސްޓް 2023): ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖަރުގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލާފައިވާއިރު އެ ގައުމާ މުއާމަލާތް ކުރުމުގައި އެފްރިކާގެ ގައުމުތައް ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިއްޖެއެވެ.

އަސްކަރީ ބަޣާވާތާ ގުޅިގެން ނައިޖާއަށް އަދަބުދީ އަދި އެ ގައުމުގެ އަސްކަރީ ވެރިންނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެފްރިކާގެ ހުޅަނގުގެ ގައުމުތަކުގެ ޖަމްއިއްޔާ "އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް" (އެކޮއާސް) އިން ދީނުމާ އެކު ނައިޖާގެ އަވަށްޓެރި ތިން ގައުމު ކަމަށްވާ މާލީ، ބުރުކީނާ ފާސޯ އަދި ގިނީ ގެ ސަރުކާރުތަކުން ވަނީ ނައިޖަރުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް "އެކޮއާސް"އަށް އިންޒާރުދީ ވަރުގަދަ ބަޔާނެއް ނެރެފައެވެ.

މި ބަޔާނުގައި ނައިޖާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އެޅުމަކީ ނައިޖާގެ އިތުރުން އެތިން ގައުމާ ދެކޮޅަށް ވެސް ހަނގުރާމަ އިއުލާނުކުރުން ކަމަށް ސިފަކޮށް މިފަދަ ކަމެއްގެ ނަތީޖާ ވަރަށް ހިތިވާނެ ކަމާއި އޭގެ ރައްދު ވަރަށް ނުރައްކާތެރިވާނެ ކަމަށް ބުނެފައިވެއެވެ.

މާލީ، ބުރުކީނާ ފާސޯ އަދި ގިނީގެ ސަރުކާރުތަކުން ނެރުނު ގުޅިފައިވާ މި ބަޔާނުގައި ނައިޖާގެ އަސްކަރީ ވެރިންނަށް ތާއީދު ކުރާކަން ސީދާ ގޮތެއްގައި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މާލީއާއި ބުރުކީނާ ފާސޯ އަދި ގިނީގެ ވެރިކަމުގައި މިހާރު ތިއްބެވީ އަސްކަރީ ބަޣާވާތްތައް ގެނަސްގެން ވެރިކަމަށް އިސްވެވަޑައިގެން ތިއްބެވި ޖެނެރަލުންނެވެ.

މިތިން ގައުމުން ވަނީ "އެކޮއާސް"އިން ނައިޖާއާ ދެކޮޅަށް އިއުލާނު ކުރި ދަތިކުރުމުގެ ފިޔަވަޅުތަކަށް އަމަލުކުރުމަށް ވެސް ދެކޮޅު ހަދާފައެވެ. މިތިން ގައުމަކީ ވެސް "އެކޮއާސް" ޖަމާއަތަށް ނިސްބަތްވާ ތިން ގައުމެވެ. "އެކޮއާސް" އިން ނައިޖާއަށް އަސްކަރީ ގޮތުން ވަދެގެންފިނަމަ އެ ޖަމާއަތުން ވަކިވާނެކަމުގެ އިންޒާރު ވެސް އެ ތިން ގައުމުން ވަނީ ދީފައެވެ.

މާލީއާއި ބުރުކީނާ ފާސޯ އަދި ގިނީ ވަކިވެއްޖެނަމަ "އެކޮއާސް" ޖަމާއަތް ރޫޅިގެން ދިޔުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މިދިޔަ ހަފުތާގައި ނައިޖާއަށް ގެނައި އަސްކަރީ އިންގިލާބު ނުވަތަ އަސްކަރި ބަޣާވާތުގައި އެ ގައުމުގެ ރައީސް މުހައްމަދު ބާޒޫމް ވަނީ މަގާމުން ދުރުކޮށް އޭނާވަނީ ހައްޔަރުކޮށްފައެވެ. ބާޒޫމްގެ މައްޗަށް ކުރެވެނީ ހުޅަނގުގެ އިސްތިއުމާރީ ބާރެއްކަމަށްވާ ފަރަންސޭސިވިލާތަށް މާބޮޑަށް ބޯލެނބުމާއި ފަރަންސޭސިވިލާތަށް މަބޮޑަށް ބަރޯސާވާ ކަމުގެ ތުހުމަތެވެ.

އެފްރިކާގައި މިހާރުވަނީ ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކާ ވަރަށް ބޮޑަށް އިދިކޮޅު ރޫހެއް އުފެދިފައެވެ. ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކުގެ ތެރެއިން އެފްރިކާގައި އެންމެ ނުފޫޒު ގަދައީ ފަރަންސޭސިވިލާތުގައެވެ. ފަރަންސޭސިވިލާތުގެ ނުފޫޒު އެންމެ ގަދަ ފަސް ގައުމަކީ މާލީ، ބުރުކީނާ ފާސޯ، ޗާޑް، ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި ނައިޖަރ ގައެވެ.

މި ފަސް ގައުމަށް ވެސް ދާދި ފަހުން ވަނީ އަސްކަރީ ބަޣާވާތްތައް ގެނަސް ފަރަންސޭސިވިލާތަށް ތާއީދުކުރާ ވެރިން މަގާމުން ދުރުކޮށްފައެވެ. އަދި، މީގެ ތެރެއިން މާލީ އާއި ބުރުކީނާ ފާސޯ އަދި، ސެންޓްރަލް އެފްރިކަން ރިޕަބްލިކް އިންވަނީ އެގައުމުތަކުގައި ތިބި ފަރަންސޭސި އަސްކަރީ ބާރުތައްވެސް ބޭރު ކޮށްލާފައެވެ. ނައިޖާގެ އިންގިލާބީ ވެރިންވެސް އެ ގައުމުގައި ތިބޭ ފަރަންސޭސި ސިފައިން ބޭރުކޮށްލާނެ ކަމަށް ވަނީ ބެލެވިފައެވެ.

ނައިޖާގެ އަސްކަރީ ބަޣާވާތަށް ތާއީދުކުރާ އަދި ފަރަންސޭސިވިލާތާ އިދިކޮޅު އާންމު ރައްޔިތުން އިއްޔެވަނީ ވެރިރަށް ނިޔާމޭގައި ހުންނަ ފަރަންސޭސި އެންބަސީއަށް ހަމަލާދީ އެންބަސީގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

މިކަމާ ގުޅިގެން ފަރަންސޭސިވިލާތުގެ މީޑިއާއިން ނައިޖާގައި ދިރިއުޅޭ ފަރަންސޭސި ރައްޔިތުންނަށް ވެސް ނުރައްކާވެފައިވާ ކަމަށް ބުނެ އެ މީހުން ނައިޖާއިން ގެންދިޔުމަށްޓަކައި އެ ގައުމަށް އަސްކަރީ ގޮތުން ވަދެގަންނަން ޖެހިދާނެކަމުގެ އަޑުތަކެއް އަރުވާފައެވެ.

އަނެއްކޮޅުން ނައިޖާގައި ވެރިކަންކުރާ އިންގިލާބީ ކައުންސިލުން ވަނީ މަގާމުން ދުރުކޮށްފައިވާ ރައީސް މުހައްމަދު ބަޒޫމް މިނިވަން ކުރުމަށްޓަކައި ފަރަންސޭސި ޚާއްސަ އަސްކަރީ ބާރެއް ނައިޖާއަށް ފޮނުވައިދިނުމަށް ބާޒޫމް ފަރަންސޭސި ސަރުކާރަށް ދަންނަވާފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް ފަރަންސޭސި ސަރުކާރުންވަނީ ނައިޖާއަށް އަސްކަރީ ގޮތުން ވަދެގަތުމުގެ ރޭވުމެއް ނެތް ކަމަށް ބުނެފައެވެ.

ނައިޖާއަށް ގެނައި އަސްކަރީ އިންގިލާބަކީ އެފްރިކާގައި ހިނގަމުންދާ ރަޝިއާއާއި ޔޫރަޕްގެ ޖިއޮޕޮލިޓިކަލް ކޯޅުންތަކާ ގުޅިފައިވާ ކަމެއް ކަމަށް ވަނީ ބެލެވިފައެވެ. ފަރަންސޭސިވިލާތަށް ތާއީދުކުރައްވާ ނައިޖާގެ ރައީސް މުހައްމަދު ބާޒޫމް މަގާމުންދުރުކުރުމަށް އަސްކަރީ އިންގިލާބު ގެނައި ނައިޖާގެ ސިފައިންގެ މުއައްސަސާގެ ފަހަތުގައި ވަނީ ރަޝިއާކަމަށް ހުޅަނގުން ތުހުމަތު ކުރެއެވެ. ރަޝިއާއިން މި ކަމާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް ނުބުނެއެވެ.

comment ކޮމެންޓް