ވިސްނުންތެރިކަަމާއެކު ވޯޓު ނުލައިފިނަަމަ ދާނީ އަނިޔާވެރިކަމުގެ ތެރެއަށް: ރައީސް

ށ. ނަރުދޫގައި ރައީސް ވާހަކަފުޅުދައްކަވަނީ --ފޮޓޯ/ އެމްޑީޕީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވިސްނުންތެރިކަމާއެކު ވޯޓު ނުލައިފިނަމަ އަނެއްކާ ވެސް ދާން ޖެހޭނީ އަނިޔާވެރިކަމުގެ ތެރެއަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅުގައި ރައީސް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދުގެ ފުރަތަމަ ރަށެއްގެ ގޮތުގައި ނަރުދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަދި ވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ވާދަވެރިންނަކީ ވާދަވެރިންގެ ގޮތުގައި ތިބީ ޕީޕީއެމް ކަމަށެވެ.

މާޒީގައި، ޕީޕީއެމްގެ ސަރުކާރުގައި ކަން ހިނގައިދިޔަ ގޮތް ވަރަށް ސާފުކޮށް ފެންނަން އޮތްކަމަށް ރައީސް ވިދާޅުވިއެވެ.

"ވިސްނުންތެރިކަމާއެކު މި ކަން [ވޯޓު ނުލައިފިނަމަ] ނުކޮށްފިނަަމަ އަޅުގަނޑުމެން އެނބުރި އަނެއްކާ ވެސް ދާންޖެހޭނީ އެ އަނިޔާވެރިކަމާއި އެ ބިރުވެރިކަމުގެ ތެރެއަށް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ނަރުދުއަކީ ކުޑަ އާބާދީއެއް އޮތް ރަށަކަށް ވުމުން އެހެން ސަރުކާރުތަކުގައި މި ރަށް އޮތީ ބާކީކޮށްލައިފައި ކަމަށެވެ. އެހެންވެ، މި ސަރުކާރަށް މި ރަށް ހިމެނޭހެން މި ފަދަ ރަށްރަށުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައި އޮތްކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ ކެމްޕޭނަށް ށ. ނަރުދޫއަށް ރައީސް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

"ކުރިއަށް މި އޮތް ތިން ހަތަރު އަހަރެއްގެ ތެރޭގައި މި ބަދަލު މުޅި ރާއްޖެއިން ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރަށުގައި ހިނގަމުން އަންނަ މަޝްރޫތަކަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ފެނާ ނަރުދަމާގެ މަސައްކަތް ރަށުގައި ލަސްވުމަކީ އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ.

އެ މަސައްކަތް ހަވާލުކުރި ކުންފުނިން އެ ކަން ނުކޮށްދީ ދިގު ދަންމަމުން އައުމާއެކު އެ ކުންފުނި އަތުން އެ މަޝްރޫއު އަތުލައި އަލުން މަސައްކަަތް ފަށަން ނިންމައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެން އަންނަ ދައުރެއްގައި:

  • އައު ކައުންސިލް އިދާރާ އޮފީހެއް އަޅައިދޭނެކަމަށް
  • އިޖްތިމާއީ މަރުކަޒެއް އަޅައިދޭނެކަމަށް
  • ޓާފް ދަނޑެއް އަޅައިދޭނެކަމަށް
  • މަލްޓި ޕާޕަސް ހޯލެއް ދެއްވާނެކަމަށް
  • ހޮސްޕިޓަލަށް ވޯޑެއް އިތުރުކޮށްދޭނެ
  • ގިރާ ސަރަހައްދަށް ހައްލު ގެނެސްދޭނެ

މި ރަށުގައި އޮތް ޖަލްސާގައި މުޅި ނަރުދޫ ކައުންސިލް އެކުގައިވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ތިން މެމްބަރަކާއި އަމިއްލަ މެމްބަރެއްގެ އިތުރުން، ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރަކު ވަނީ އެމްޑީޕީއާ އަލަށް ގުޅިފައެވެ.

comment ކޮމެންޓް