ވާދަކުރާނީ ޕީޕީއެމާއި އެމްޑީޕީ، އެ ނޫން ބަޔަކަށް ތާއީދެއް ނެތް: ރައީސް

ށ. ފުނަދޫގައި އޮތް ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ށ. ފުނަދޫއިން، މުޙައްމަދު ނާއިލް ޙަފީޒް

ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހަށް ބަލާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަވެރިންގެ ގޮތުގައި ކުރިމަތިލާނީ ވެރިކަމުގައި މިހާރު އޮތް އެމްޑީޕީއާއި އިދިކޮޅުގައި އޮތް ޕީޕީއެމްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެެވެ.

ފުވައްމުލައް ސިޓީއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅަށްފަހު ރައީސް ށ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ މި އަތޮޅު ފުނަދުއަށެވެ. ރައީސްގެ އަރިހުގައި އެ މަނިކުފާނުގެ ކޯލިޝަން ޕާޓްނަރުން ބައިވެރިވެލައްވައެވެ. ހަމައެއާއެކު އެ މަނިކުފާނުގެ ކެމްޕޭން ޓީމުގެ އިސްވެރިން ވެސް ބައިވެރިވެލައްވައެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އިތުރު ކެންޑިޑޭޓުންތަކެއް ވާދަކުރިކަމުގައިވީ ނަމަވެސް ތާއީދު އޮތީ އެމްޑީޕީ އާއި ޕީޕީއެމްއަށް ކަމަށެވެ. އެހެންކަމުން ރައްޔިތުން އެ ކަމާމެދު ވިސްނުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތްގޮތުން ހަމަ ވާދަކުރާނީ ހަމަ އެމްޑީޕީއާއި ޕީޕީއެމް. އެ ނޫން ބަޔަކަށެއް އެ ބުނާވަރުގެ ތާއީދެއް އޮތްތަނެއް އަޅުގަނޑަކަށް ނުފެނޭ. އެެހެންވީމާ ތިޔަ ބޭފުޅުން ނިންމަވަންވީ 2018ގެ ކުރީގައި އެ އޮތް ހާލަތަށް އަޅުގަނޑުމެން އެނބުރި ދާނީތޯ،" ރައީސް ވިދާޅުވިއެވެ.

"އެހެން ސަރުކާރުތަކަށްވުރެ މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް މާ ބޮޑު ހޭދައެއްކޮށްފި"

ތަރައްގީގެ މަޝްރޫތަކަށް މީގެ ކުރީގެ ސަރުކާރުތަކުން ކުރި ހޭދައަށްވުރެ ބޮޑު ހޭދައެއް މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވާން އަންނައިރު ކުރެވިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެއީ ހަމަ ރައްޔިތުންނަށް އެ ކަން ބޭނުންވާތީ އެ ކަން ކުރީ. 2014 އިން 2018އާ ހިސަބަށް އޮތް ވެރިކަމުގައި ޕީއެސްއައިޕީގެ މަޝްރޫތަކަށް ޚަރަދުކުރެވިފައި ހުރީ 22 ބިލިއަން ރުފިޔާ. އަޅުގަނޑުމެންގެ މި ސަރުކާރުގައި މިހާތަނަށް އައިއިރުގައި 32 ބިލިއަން ރުފިޔާ ޕީއެސްއައިޕީގެ ޕްރޮގްރާމްތަކަށް ޚަރަދުކޮށްފިން،" ރައީސް ވިދާޅުވިއެވެ.

ށ. ފުނަދޫގައި އޮތް ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

މި ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2018ވަނަ އަހަރު ވެރިކަމާ ހަވާލުވިއިރު އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި ހެއްދެވީ ސިޔާސީ ފިކުރަށް ބެލުމެއް ނެތި ރަށަށް ތަރައްގީ ފޯރުކޮށްދިނުން ކަމަށެވެ.

އެ މަންޒަރު މި ދައުރުގެ ތެރޭ ފުނަދޫއިން ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ކަމުން އަޅުގަނޑަށް ދޭހަވަނީ ފުނަދޫގެ ރައްޔިތުންނަކީ ރަށުގެ ތަރައްގީއަށް ޓަކައި އެއިރަކު އޮންނަ ސަރުކާރަކާ އެކީ ކުރިއަށް ދާން ތިބި ބައެއްކަން،" ރައީސް ވިދާޅުވިއެވެ.

ފުނަދުއަށް މި ސަރުކާރުން ވީ ވައުދުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ނިމި ބައެއް މަސައްކަތްތައް މިހާރު ވެސް ހިނގަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި:

  • ރަށުގެ ބާކީ މަގުތަކުގައި ތާރު އަޅާނެ
  • ރަށުގައި ރޯ ހައުސް ނުވަތަ ފްލެޓު އެޅުން
  • ރަށުގެ ފަޅުގައި އޮތް ފަރުކޮޅުގައި ތަރައްގީގެ މަޝްރޫއު ހިންގުން
  • ސްކޫލު އިމާރާތަށް ކްލާސްރޫމު އިތުރުކުރުން
  • 50 އެނދުގެ އައު ހޮސްޕިޓަލެއް
  • ރަށުގެ ބިން ހިއްކުން މި އަހަރު ނިމުމުގެ ކުރިން ކޮންޓްރެކްޓުކުރުން

ޖަލްސާގައި ވާހަކަދައްކަވަމުން ފުނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ފުނަދުއަކީ ސިޔާސީ ގޮތުން ގިނަ ގުރުބާނީތަކެއްވީ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެއް ކަމަށެވެ. އެގޮތުން ކުރީގެ ޕީޕީއެމް ސަރުކާރު މީގެ ކުރިން އިންތިޚާބުކުރުމަށް މެޖޯރިޓީ ވޯޓު ދިނުމުން މި ރަށް 'ޖައްސައިލީ ތަރައްގީގެ އެންމެ ފަހަތަށް' ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެމްޑީޕީގެ ސަރުކާރަކަށްވުރެ ބޮޑެ މި ރަށުގެ ތަރައްގީއަށް އަޅައިލި ސަރުކާރެއް މިވީ 15 އަަހަރުގެ ތެރޭ އައިސަފައެއް ނުވޭ،" ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް