މިނިވަންދުވަހުގެ ހަރަކާތްތައް: އެންމެ ތަފާތު ކަމަކަށް ފެނުނީ ދިރާގް ޑްރޯން ޝޯ

މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ދިރާގުން ބޭއްވި ޑްރޯންޝޯގެ ތެރެއިން---

މިނިވަން ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ބޭއްވި ކުޅިވަރުތަކުގެ ތެރެއިން މި ފަހަރު އެންމެ ތަފާތު ހަރަކާތެއްގެ ގޮތުގައި ފެނިގެންދިޔައީ ޤައުމީ ޓެލެކޮމް ކުންފުނި، ދިރާގުން ބޭއްވި ޑްރޯން ޝޯއެވެ.

ދިރާގް ޑްރޯން ޝޯ ނިމުމާ އެކު މީސް މީޑިއާގެ ތަފާތު އެކި ވަސީލަތްތަކުގައި އެންމެ ގަދައަށް ދައުރުވަމުން ގޮސްފައިވަނީ، ދިރާގުން ބޭއްވި ޑްރޯން ޝޯގެ މަންޒަރުތަކެވެ.

"އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ޑްރޯން ޝޯއެވެ." މި މައުލޫގައި އެއްބަޔަކު ދިރާގާއި އެއްކޮޅަށް ވާހަކަދައްކަމުން ދިޔައެވެ. އަނެއްބަޔަކު ބުނަމުން ދިޔައީ ރާއްޖޭގެ ކޮންމެ ވެސް ރިސޯޓެއްގައި މީގެ ކުރިން ޑްރޯން ޝޯއެއް ބޭއްވި ކަމަށެވެ.

ދިރާގުން ބުނީ، މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އާންމުނަށް ދައްކާލުމަށް ބޭއްވި ފުރަތަމަ ޑްރޯން ޝޯ ކަމަށެވެ. އެއްވެސް ފަރާތަކުން އާންމުނަށް ދައްކާލުމަށް މީގެ ކުރިން ޑްރޯން ޝޯއެއް ބޭއްވި ކަމެއް އެނގޭކަށެއް ނެތެވެ.

ކޮންމެއަކަސް ދިރާގުން ބޭއްވި ޑްރޯން ޝޯ ވެގެން ގޮސްފައިމިވަނީ ފުރަތަމަ ފަހަރަށް އާންމުނަށް ދައްކާލުމަށް ބޭއްވި ޑްރޯން ޝޯ އަށެވެ.

ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އާބަންކޯ އާއި މިނިސްޓްރީ އޮފް ހޯމް އެފެއާސް ގުޅިގެން ބޭއްވި މިނިވަން އުފާ ކާނިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ފެނިގެންގެންދިޔަ މި ޑްރޯން ޝޯގައި 300 ޑްރޯން ބައިވެރިކުރިއެވެ.

މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ދިރާގުން ބޭއްވި ޑްރޯންޝޯގެ ތެރެއިން---

މި ޑްރޯން ޝޯގައި ދިވެހިންގެ ދިވެހި ވަންތަކަން ދައްކުވައިދޭ، ބައެއް މަންޒަރުތައް ވަނީ ފެނިގެން ގޮސްފައެވެ. މީގެ ތެރޭގައި ދިވެހި ދިދަ، އިސްލާމީ މަރުކަޒު ބިނާ، ދިވެހިންގެ ލޭނާރުކަމަށްވާ މަސްވެރިކަމުގެ މަންޒަރަކާއި، ކަނޑުއަޑީގެ މަންޒަރަކާއި، ފެހުރިއްސެއްގެ އިތުރުން ވިސިޓް މޯލްޑިވްސް ލޯގޯ ފާހަގަކޮށްލެވެއެވެ.

ޑްރޯން ޝޯ އާ ބެހޭގޮތުން ދިރާގުގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ޙަމީދު ވިދާޅުވީ، ޝޯއަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

"ޑްރޯންއަކީ ދުނިޔޭގައި ވެސް އެންމެ ކުރިއަރަމުން އަންނަ އެއް ޓެކްނޮލޮޖީ. އެގޮތުން، ދިވެހިރާއްޖޭގެ ލީޑިންގ ޑިޖިޓަލް ސާވިސް ޕްރޮވައިޑަރުގެ ހައިސިއްޔަތުން މިފަދަ އެންމެ ފަހުގެ ޓެކް ރާއްޖެއަށް ގެނެސް، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ތަފާތު އައު ތަޖުރިބާތަކެއް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒު" ޖައިޝާން ވިދާޅުވިއެވެ.

ދިރާގް ޑްރޯން ޝޯ ބަލާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ހުޅުމާލޭގައި ބޭއްވި ކާރނިވަލަށް ޒިޔާރަތްކޮށްފައެވެ.

ކާނިވަލަށް ގޮސްގެން ޑްރޯން ޝޯ ބެލުމުގެ އުފާ ހާސިލްނުވި މީހުން، މީސް މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ޑްރޯން ޝޯ ބަލާފައިވާއިރު، ގިނަ އަދަދެއްގެ މީހުން ވަނީ، އެމީހުންގެ ސްޓޯރީތަކުގައި މި މަންޒަރުތައް ޝެއާކޮށްފައެވެ. މިކަމުން އެނގިގެންދިޔައީ ދިރާގް ޑްރޯން ޝޯއަށް އާންމު ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ތަރުހީބުކަމަށް ދިރާގުން ފާހަގަކުރެއެވެ.

comment ކޮމެންޓް