އެންމެން އިންތިޒާރު ކުރި މިނިވަން އުފާ ކާނިވާ ހުޅުވައިފި

ރައީސް މިނިވަން އުފާ ކާނިވާ ހުޅުއްވައި ދެއްވަނީ -- ފޮޓޯ/ އާބަންކޯ

ރާއްޖޭގެ 58ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މިނިވަން އުފާ ކާނިވާ މިރޭ ހުޅުވައިފިއެވެ.

މި ކާނިވާ ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. ކާނިވާ ހުޅުއްވައިދެއްވުމަށް ރާއީސް ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ހުޅުމާލެ ސެންޓްރަލް ޕާކަށް ވަޑައިގެންނެވުމުން އެދެކަނބަލުންނަށް އިސްތިގުބާލްކުރެއްވީ، ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲގެ ދެކަނބަލުންނެވެ.

މިނިވަން އުފާ ކާނިވަލުގައި ރައީސް: މި ކާނިވާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް -- ފޮޓޯ/ އާބަންކޯ

ކާނިވާ ހުޅުއްވައި ދެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ވަނީ، ކާނިވާގެ ސްޓޯލްތަކާއި ކުޅިވަރުތައް ބައްލަވާލައްވާފައެވެ. އެގޮތުން، ސްޓޭޖް ހަރަކާތްތަކާއި، ޑްރޯން ޝޯ އާއި ހަވާގެ ކުޅިވަރުތައް ރައީސްގެ ދެކަނބަލުން ބައްލަވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި، ވަޒީރުންނާއި ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ބައިވެރިވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިވަން އުފާ ކާނިވަލުގައި މީހުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ އާބަންކޯ

ކާނިވާ ކުރިއަށް ގެންދާނީ މިރެއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށެވެ. ކާނިވަލުގައި ގޭމް ސްޓޯލްތަކާއި، ބިރުވެރި ހޮހޮޅައާއި، ކާބޯތަކެތި ވިއްކުމަށް ޚާއްޞަ ފުޑް ސްޓްރީޓްއާއި، ފްލޯޓްތައް ދައްކާލުމުގެ އިތުރުން ބޭރުގެ ހުނަރުވެރިންނާއެކު ސާކަސް ޝޯއަކާއި ލައިވް މިއުޒިކް އަދި ކަރޯކޭ ބޮކްސް ހިމެނެއެވެ.

https://sun.mv/180133

އާބަންކޯއިން ބުނީ މިނިވަން އުފާ ކާނިވަލްގެ ހަރަކާތްތައް އިންތިޒާމް ކުރެވިފައި ވަނީ ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެންކަމަށާއި މުޅި ޕާކު ވެސް، ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކޮށްފައިވާނެ ކަމަށެވެ. އަދި ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލުމަށް ޚާއްޞަ ޒޯންއެއް ވެސް ޕާކުގައި ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް