ދޯންޏެއްގައި ހިނގި އަލިފާނުގެ ހަދިސާއެއްގައި ތިން މީހުން ފިހި، އެކަކު ކްރިޓިކަލް

ރ. ދުވާފަރު -- ފޮޓޯ/ އައިލްސް

ރ. ދުވާފަރުގައި ހުއިފިލަނޑާ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ތިން މީހުން ފިހިއްޖެއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ދުވާފަރު ކައުންސިލް މެންބަރު ޒުހުދާ އާދަމް ވިދާޅުވީ އެ ހާދިސާ ހިނގި ގޮތާ މެދުގައި ރަށު ތެރޭގައި ދެ ގޮތަކަށް ވާހަކަ ދެކެވޭ ކަމަށެވެ.

"އެއްބޭފުޅަކު ފާހަގަ ކުރީ ޕެޓްރޯލް އަޅާފަ ލައިޓަރު ރޯކޮށްލެވުނީ ކަމަށް. ދެން އެހެން މީހަކު ފާހަގަ ކުރީ ކެމިކަލް އެކޭ ވަކި ނަމެއް ނުބުނެ. މުޅި ދޯނީގައި ވެސް އޮތީ ހުޅުގަނޑު ވަރަށް ބޮޑަށް ފަޅައިގެން ގޮސް،" ޒުހުދާ ވިދާޅުވިއެވެ.

އެ ހާދިސާގައި ފިހުނު ތިން މީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ދުވާފަރު ސިއްހީ މަރުކަޒުގައެވެ. ނަމަވެސް އިތުރު ފަރުވާއަށް އެމީހުން މިހާރު ވަނީ އުނގޫރުފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އުނގޫފާރު ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް، "ސަން"އަށް ވިދާޅުވީ އެ ހާދިސާގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކެއްގެ ހާލު ކްރިޓިކަލް ކަމަށެވެ.

"އެތަނުން އެކަކުގެ ހާލު ކްރިޓިކަލް. އޭނާގެ ހަށިގަނޑުގެ 25 ޕަސެންޓް ވަނީ ފިހިފަ. ދެން ތިބި މީހުންގެ ހަށިގަނޑުގެ އެކި ތަންތަނުން ގާތްގަނޑަށް 10 ޕަސެންޓާ ފަސް ޕަސެންޓް ވަރު ވަނީ ފިހިފަ،" ފަޒީލް ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވީ އަނިޔާވި ތިން މީހުންނަށް ފަރުވާ ދެމުން އަންނަނީ ވޯޑުގައި އެޑްމިޓް ކޮށްގެން ކަމަށެވެ.

comment ކޮމެންޓް