މި މަހުގެ 26ވަނަ ދުވަހުން ފެށިގެން ފާހަގަ ކުރާ މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުޅުވަން ހަމަޖެހިފައިވާ ކާނިވާ ހުޅުވުން ފަސްކޮށްފިއެވެ.
ކާނިވާ ހުޅުވުން ފަސް ކޮށްފައިވާ ވަނީ އިއްޔެއިން ފެށިގެން މާލޭ ސަރަހައްދުގައި ފެތުރެން ފަށާފައިވާ ވައިރަލް ރޯގާގެ ސަބަބުންނެވެ.
މި ކަމާ ގުޅިގެން ކާނިވާ އިންތިޒާމު ކުރާ އާބަންކޯއިން މިޑިއާތަކަސް ފޮނުވި މެސެޖެއްގައި ވަނީ، ކާނިވާ ހުޅުވުން ލަސްކުރަން ނިންމީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަމަށެވެ.
މިއަދު ހުޅުވަން ހަމަޖެހިފައިވާ ކާނިވާ ހުޅުވާނޭ ތާރީޚެއް ފަހުން އިއުލާނު ކުރާނޭ ކަމަށް އާބަންކޯގެ މެސެޖުގައި ވެއެވެ.
ކާނިވާ ހުޅުވުން ފަސްވިކަން ވަނީ ހޯމް މިނިސްޓްރީން ވެސް އިއުލާނު ކޮށްފައެވެ. މިނިވަން ދުވަހުގެ ހަރަކާތްތައް ރާވާ އިންތިޒާމް ކުރަނީ ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެނެވެ.
މި ކާނިވަލުގެ ހަރަކާތްތަކުގެ ތެރޭގައި ގޭމް ސްޓޯލްތަކާއި، ބިރުވެރި ހޮހޮޅައާއި، ކާބޯތަކެތި ވިއްކުމަށް ޚާއްޞަ ފުޑް ސްޓްރީޓްއާއި، ފްލޯޓްތައް ދައްކާލުމުގެ އިތުރުން ބޭރުގެ ހުނަރުވެރިންނާއެކު ސާކަސް ޝޯއަކާއި ލައިވް މިއުޒިކް އަދި ކަރޯކޭ ބޮކްސް އާއި ހަވާ އެރުވުން ހިމެނެއެވެ. އަދި، ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒާ ޓެގްގެ ހަރަކާތްތައް ބާއްވާނެއެވެ.