ޚުދުމުޚްތާރެއް ނުވަން، ޕީޕީއެމަކީ ރައީސް ޔާމީން، ރައީސް ޔާމީނަކީ ޕީޕީއެމް: ޝިޔާމް

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި އިދިކޮޅުން ކުރިއަށްގެންދާ ގައުމީ ހަރަކާތުގެ ތެރެއިން ބޭއްވި ސުލްހަވެރި ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޕީޕީއެމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުކަމަށާއި، އިންތިޚާބު އިންސާފުވެރި ނުވާނީ ޕީޕީއެމުން ރައީސް ޔާމީނަށް ވާދަނުކުރެވޭނަމަ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީން ގެެނެސްދޭ 'ބާރު ހަތަރެއް'ގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ ފިކުރު ރައީސް ޔާމީނަށް ވެފައިވަނީ އެ މަނިކުފާނު ރާއްޖެއާމެދު ގެންގުޅުއްވާ ވަތަނީ ވިސްނުންފުޅާއި ތަސައްވުރުގެ ސަބަބުންކަމަށެވެ.

"އެ މަނިކުފާނަކީ ވަތަނީ ބޭފުޅަކަށްވާތީވެ އަޅުގަނޑުމެންނަށް ފިކުރަށް، ފިކުރުވެފައި މިއޮތީ ރައީސް ޔާމީނަށް. ޕީޕީއެމްގެ ފިކުރުވެފައި މިއޮތީ ރައީސް ޔާމީނަށް. ރައީސް ޔާމީނަކީ ޕީޕީއެމް. ޕީޕީއެމަކީ ރައީސް ޔާމީން. އެހާ ހިސާބަށް މިއޮތީ ކަންކަން ގޮސްފައި،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވަނީ އެ ކަމުގައި އެއްވެސް ޚުދުމުޚްތާރު ސިފައެއް ނެތްކަމަށް ވެސް ވިދާޅުވެފައެވެ.

"ޚުދުުމުޚްތާރުކަމަށް ސިފަކުރައްވާ ބައެއް ބޭފުޅުން އެ ސިފަކުރައްވަނީ ސިޔާސީ މަގްސަދެއްގައިި،" ޝިޔާމް ވިދާޅުވިއެވެ.

މިއަދު ރާއްޖޭގެ ހާލަތު އޮތީ ރައްޔިތުން ކަންބޮޑުވާ ދަރަޖައެއްގައިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މާ ބޮޑަށް އިންޑިއާއަށް މިއަދުގެ ސަރުކާރުން ބަރޯސާވަމުން އަންނަކަމަށެވެ.

"އެ ކަމުގައި ސާފުކޮށް ބަަަސް ވިދާޅުވާން ކެރިވަޑައިގަންނަވާ ލީޑަރެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ފެންނަނީ ރައީސް ޔާމީން،" ޝިޔާމް ވިދާޅުވިއެވެ.

ޕާޓީގެ އިސްވެރިންނާއި އާންމު މެމްބަރުންނަށް ވެސް ރައީސް ޔާމީން އިރުޝާދުު ދެއްވަނީ ވަތަނީ މައުޟޫތަކުގައި ވާހަކަދެއްކުމަށްކަމަށާއި އެ މަނިކުފާނު މިނިވަންކުރަން ނުވަތަ އެ މަނިކުފާނަށް ފައިދާއެއްވާ ކަމަކަށް ގޮވައިދިނުމަށް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ޖަލުގައި ހުންނަވަންޖެހިވަޑައިގެންފައިވާ އެމްއެމްޕީއާރްސީގެ މައްސަލައަކީ ސިޔާސީ މައްސަަލައެއްކަމަށެވެ.

އެ މައްސަލައިގައި ގިނަ ބަޔަކު ހިމެނޭކަމުގެ ތުހުމަތުކުރެވޭއިިރު އެކި މީހުންނަށް އެކި ގޮތްގޮތަށް ލުއިދެވި ހަމައެކަނި ރައީީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދިއުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް