އިންޓަ އިން މާޓިނޭޒް ހޯދުމުގެ މަސައްކަތް ފަށައިފި

އެސްޓަން ވިލާގެ އާޖެންޓީނާ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް -- ފޮޓޯ/ ގެޓީ

މެންޗެސްޓާ ޔުނައިޓެޑާ ގުޅިފައިވާ ކެމަރޫން ގޯލްކީޕަރު އަންދްރޭ އޮނާނާގެ ބަދަލުގައި އެސްޓަން ވިލާގެ އާޖެންޓީނާ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ހޯދުމުގެ މަސައްކަތް އިންޓަ މިލާނުން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޔުނައިޓެޑުން މީގެ ކުރިން ވެސް ވަނީ މާޓިނޭޒް ހޯދުމަށް 15 މިލިއަން ޔޫރޯގެ އަގެއް އެސްޓަން ވިލާއަށް ހުށަހަޅައިފައެވެ. ނަމަވެސް އެސްޓަން ވިލާ އިން އެ ހުށަހެޅުން ގަބޫލުކޮށްފައެއް ނުވެއެވެ.

ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި އިންޓަގެ އެ ހުށަހެޅުން އެސްޓަން ވިލާ އިން ގަބޫލުނުކުރުމުން އިންޓަ އިން އެއަށްވުރެ ބޮޑު އަގެއް މާޓިނޭޒަށް ހުށަހަޅާނެއެވެ. ބޮޑު އަގެއް ހުށަހެޅި ނަމަވެސް، މާޓިނޭޒް ހޯދުމަށް އިންޓައަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މާޓިނޭޒަކީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް، އާޖެންޓީނާއަށް ހޯދައިދިނުމަށް އިސް ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި މާޓިނޭޒް ވަނީ ފްރާންސާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި ވެސް މުހިންމު ސޭވްތަކެއް ކޮށްފައެވެ.

މިދިޔަ ސީޒަނުގައި އިންޓަގެ ގޯލު ބެލެހެއްޓި އޮނާނާ ވަނީ 55 މިލިއަން ޔޫރޯގެ އަގަކަށް ޔުނައިޓެޑާ ގުޅިފައެވެ. މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އިންޓަގެ ގޯލު ބެލެހެއްޓި އޮނާނާ، ޔުނައިޓެޑާ ގުޅިފައިވަނީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

comment ކޮމެންޓް