ބެލިންހަމްއަކީ ވަރަށް ފުރިހަމަ މިޑްފީލްޑަރެއް: އެންޗެލޮޓީ

އޭސީ މިލާނާ ދެކޮޅަށް ކުޅުނު ޕްރީ ސީޒަން އެކުވެރިކަމުގެ މެޗުގައި ރެއާލްގެ ޖޫޑް ބެލިންހަމް ބޯޅައަށް މަސައްކަތްކުރަނީ -- ފޮޓޯ/ ގެޓީ

އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް، ރެއާލް މެޑްރިޑްގެ ޖާޒީގައި ކުޅުނު ފުރަތަމަ މެޗުގައި އޭނާ ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އެ ކްލަބުގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

އެމެރިކާގެ ކޮލިފޯނިއާގެ ރޯސް ބައުލް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ޕްރީ ސީޒަން އެކުވެރިކަމުގެ މެޗުގައި ރެއާލުން ވަނީ ފަހަތުން އަރައި، 3-2ގެ ނަތީޖާއަކުން އޭސީ މިލާން ބަލިކޮށްފައެވެ.

އެ މެޗަށްފަހު ވާހަކަދައްކަމުން އެންޗެލޮޓީ ބުނީ ކުރިއަށްއޮތް ސީޒަން ފެށުމުގެ ކުރިން ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެ ކްލަބާ އަލަށް ގުޅުނު ބެލިންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ކަމަށެވެ.

"ބެލިންހަމްގެ ކުޅުމާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. މެޗުގައި އޭނާގެ ފެންވަރު ފެނުނު. އޭނާއަކީ މޮޅު ކުޅުންތެރިއެއް އަދި ފުރިހަމަ މިޑްފީލްޑަރެއް. އޭނާ ދިޔައީ ލިބޭ ހުސް ޖާގައިގެ ބޭނުން ވަރަށް ރަނގަޅަށް ހިފަމުން،" ނޫސްވެރިންނާ ވާހަކަދައްކަމުން އެންޗެލޮޓީ ބުންޏެވެ.

އެންޗެލޮޓީ ބުނީ މެޗުގައި މަސައްކަތްކުރީ އަރިމަތިން ކުޅުމުގެ ބަދަލުގައި މެދުތެރެއިން ކުޅެ، ފުރުސަތުތައް ހޯދަން ކަމަށާއި ގޯސްތަކެއް ފެނުނު ނަމަވެެސް، ޖުމުލަކޮށް ޓީމުގެ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ބެލިންހަމް ރެއާލްއާ ގުޅުމާއެކު އަންނަ ސީޒަނުގައި ރެއާލްގެ މިޑްފީލްޑް ވަރަށް ވާދަވެރިވާނެއެވެ. އެޑުއާޑޯ ކަމަވިންގާ އާއި ފެޑެރީކާ ވަލްވާޑޭ އަދި ލޫކާ މޮޑްރިޗަކީ ވެސް ބެލިންހަމް ކުޅޭ މަގާމަށް ކުޅޭ މިޑްފީލްޑަރުންނެވެ.

comment ކޮމެންޓް