އޮނާނާ ޔުނައިޓެޑަށް ސޮއިކޮށްފި

މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރި ކެމަރޫން ގޯލްކީޕަރު އަންދްރޭ އޮނާނާ -- ފޮޓޯ/ ގެޓީ

އިންޓަ މިލާންގެ ކެމަރޫން ގޯލްކީޕަރު އަންދްރޭ އޮނާނާ، މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ގޯލްކީޕަރު އޮނާނާ، ފަސް އަހަރުގެ ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ޔުނައިޓެޑާ ގުޅިފައިވާ ކަމަށް އެ ކްލަބުން ވެސް ވަނީ އިއުލާންކޮށްފައެވެ. ޔުނައިޓެޑުން އޭނާ ގެނެސްފައިވަނީ 48 މިލިއަން ޕައުންޑް (62 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑަށް އޮނާނާގެ ސޮއި ހޯދާފައިވާ ކުރިން އެ ކްލަބުގެ އެއް ނަމްބަރު ކީޕަރެއްގެ ގޮތުގައި ހުރި ސްޕެއިންގެ ޑޭވިޑް ޑެހެއާގެ ކޮންޓްރެކްޓް ހަމަވުމާ ގުޅިގެންނެވެ. ޑެހެއާގެ ބަދަލުގައި ގެނައި އޮނާނާ އަކީ މީގެ ކުރިން އަޔެކްސްގައި ކޯޗު އެރިކް ޓެން ހާގްއާއެކު މަސައްކަތްކުރި ކީޕަރެކެވެ.

އިންޓަ އިން އޮނާނާ ވަކިވެފައިވަނީ އެއް ސީޒަން ކުޅެފައެވެ. އޭނާ އިންޓައަށް ސޮއިކޮށްފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޮނާނާ ވަނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލާއެކު އިންޓައަށް ޖުމުލަ 41 މެޗު ކުޅެފައެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީ އަތުން އިންޓަ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑުން އެމެރިކާއަށް ކުރާ ދަތުރުގައި އޮނާނާ ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އެ ދަތުރުގައި ޔުނައިޓެޑުން އާސެނަލް, ރެކްސްހަމް، ރެއާލް މެޑްރިޑް އަދި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެއެވެ.

comment ކޮމެންޓް