ކެލާގައި ބައިނަލްއަގުވާމީ ކްރޫޒް ޓާމިނަލެއް އަޅައިދޭން ރައީސް ޞާލިޚު ވައުދުވެޑައިގެންފި

ރައީސް ހއ. ކެލާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ދެވަނަ ދައުރެއްގައި ހއ. ކެލާގައި ބައިނަލްއަގްވާމީ ފެންވަރުގެ ކްރޫޒްލައިން ޓާމިނަލެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ބޮޑު ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކެލައަށް ވަޑައިގެން ރައީސް ވިދާޅުވީ އެ ރަށަކީ ގުުދުރަތީ ރީތި ކަމަކާއެކު ވަސީލަތްތައް މި ރަށުގައި ގާއިމްވެފައި ހުރި ބޮޑު ރަށެއް ކަމަށެވެ. އަދި މަސައްކަތްތެރި ބަޔަކު ރަށުގައި ދިރިއުޅެމުން އަންނައިރު ނުލިބި އޮތީ ކުރީ ސަރުކާރުތަކުގެ އަޅައިލުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އުންމީދުތަކެއް އޮތް ރަށެއް. ތަރައްގީ ފެނިގެންދާނެ ރަށެއް. އިގްތިޞާދު ކުރިއެރުވޭނެ ރަށެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ރަށަކީ ޓޫރިޒަމަށް ފަހި ރަށެއްކަމަށެވެ. އެހެންވެ، ރަށަށް ފަސޭހައިން ޕަސެންޖާ ލައިންތަކާއި ޔޮޓުފަހަރަށް އާދެވޭނެ މަގުފަހިވެފައި އޮތުން މުހިންމުކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ އެ ކަމަށް ފަހިވާނެހެން ޒަމާނީ ކްރޫޒް ޓާމިނަލެއް އަޅުއްވައިދެއްވަން ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

އޭގެ އިތުރުން, ރައީސް ވައުދުވެޑައިގަތީ:

  • މަލްޓި ޕާޕަސް ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަން
  • ކެލާ ހެލްތު ސެންޓަރު ލެވެލް ހަތަރަކަށް ހަދަން

ސަރުކާރުން ކެލާ ތަރައްގީކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ރައީސް ވިދާޅުވީ ކޮންމެހެން ކުރަންޖެހޭ މަސައްކަތް މި ދައުރުގައި ފެށިގެން ހިނގަމުންް އަންނަ ކަމަށެވެ. އޭގެ ތެރެއިން މަސައްކަތްތަކެއްގެ އަމަލީ މަސައްކަތް ނިމިފައި ވާކަމަަށް ރައީސް ވިދާޅުވިއެވެ.

ހއ. ކެލާގައި ރައީސަށް މަރުހަބާ ކިޔުމަށް އޮތް ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ރައީސް ވިދާޅުވީ މި ދައުރުގެ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގެ ބޭނުމަކީ ރަށްރަށުގައިި ހުރި ގުދުރަތީ ވަސީލަތްތަކާއި އެ ތަނެއްގައި ދިރިއުޅޭ މީހުންގެ ބޭނުން ހިފައި ތަރައްގީ ހޯދުންކަމަށެވެ. އެއީ މުޅި ރާއްޖެ ތަރައްގީވާންޖެހޭ މަގުކަމަށް ރައީީސް ވިދާޅުވިއެވެ.

"މިފަދަ ވަސީލަތްތައް ހުރި ރަށްރަށް އެކަހެރިކޮށް ބާކީކުރުމަކީ ރާއްޖެ ތަރައްގީކުރެވޭނެ ގޮތެއް ނޫން،" ރައީސް ވިދާޅުވިއެވެ،

ބޮޑުތިލަދުންމައްޗަށް މި ސަރުކާރުން ގެންނަ ބޮޑު ބަދަލުގައި، އެ ކަމުގެ ހެޔޮ އަސަރު އެންމެ ފުރަތަމަ ކުރާނެ ރަށްރަށުގެ ތެރޭގައި ކެލާ ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު މި ފަހަރުގެ އިންތިޚާބުގައި ވެސް ކެލާއިން ފުރިހަމަ އަޣުލަބިއްޔަތު ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް