ވައުދުތައް ފުއްދުނީ ކޯލިޝަން ސަރުކާރުން އެއް އެޖެންޑާއެއްގައި ހިފީމަ: ރައީސް

ރައީސް ހއ. އުލިގަމަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

މި ރިޔާސީ ދައުރަށް ރަައްޔިތުންނަށްވީ ވައުދުތައް ފުއްދުނީ މި ސަރުކާރުގެ ކޯލިޝަނުގައިި ތިބި ހުރިހާ ޕާޓީއަކުން ވެސް އެއް 'އެޖެންޑާއެއް' ތަންފީޒުކުރުމަށް މަސައްކަތްކުރުމުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ހއ. ގެ ރަށްތަކަށް މިިހާރުކުރައްވަމުން އަންނަ ކެމްޕޭނުގައި އެ އަތޮޅު އުލިގަމުގައި ހުންނަވައި ރައީސް އެ ވާޙަކަފުޅު ނެންގެވީ އުލިގަމަށް މިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ވެވަޑައިގެންނެވި ވައުދުތައް މިއަދު ފުއްދިފައި އޮތް މިންވަރަށް ނަޒަރު ހިންގަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް އެމަނިކުފާނު އުލިގަމަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން އެމަނިކުފާނުގެ އަރިހުގައި ގިނަ މަސައްކަތްތަކެއް ރަށުގައި ކޮށްދިނުމަށް އެދުނު ކަމަށެވެ. އޭގެ ތެރެއިން ގިނަ މަސައްކަތްތަކެއް ހިންގަވައިދެއްވާނެކަމަށް އެ ދުވަހު ވިދާޅުވިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އުލިގަމު ރައްޔިތުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ އެމްޑީޕީ

އެއީ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގައި ކުޑަ ނުވަތަ ބޮޑު ރަށެއް ތަފާތުނުކުރުމުގެ ސިޔާސަތު އެންމެ ފުރިހަމައަށް ތަންފީޒުކުރުމުގެ ގޮތުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ވައުދުތައް ފުއްދަަވައި ދެވުނީ ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ފުރިހަމަ އެހީތެރިކަމާއެކުގައި ކަމަށެވެ.

މިއީ ކޯލިޝަން ސަރުކާރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގިނަ ޕާޓީތަކެއް ތިބި ނަމަވެސް ތަންފީޒުކުރީ އެއް އެޖެންޑާއެއް ކަމަށެވެ. އެއީ ކޯލިޝަން ޕާޓީތަކުން އެއްބަސްވީ މެނިފެސްޓޯ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންނަމަވެސް ތަންފީޒުކުރީ އެއް އެޖެންޑާއެއް. އަޅުގަނޑުމެން އެއްބަސްވީ މެނިފެސްޓޯ. އެ މެނިފެސްޓޯ ތަންފީޒުކުރުމުގައި އެއްވެސް ޕާޓީއަކުން ތަފާތެއް ނުކުރޭ. ހަމަ އެޖެންޑާ އޮތްގޮތަށް އަޅުގަނޑުމެން ތަންފީޒުކުރަމުން ގެންދިޔައީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޚް އިތުރަށް ވިދާޅުވީ އެޖެންޑާ ތަންފީޒުކުރުމުގައި ސަރުކާރަށް ތާއީދުކުރާ ރަށްރަށާއި ނުކުރާ ރަށްރަށް ވެސް ތަފާތުނުކުރާކަމަށް ރައީސް ވިދާޅުވިއެވެ.

"އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން އެއީ އަޅުގަނޑުމެން ވެފައި އޮތް ވައުދެއް. އެގޮތުން އުލިގަމަށް ބޭނުންވެފައި ހުރި ކަންކަން ކޮށްދިނުން ވެސް އެއީ އަޅުގަނޑުމެން އެ ދުވަހުވީ ވައުދެއް. މިއަދު މިތާ ހުރެ އަޅުގަނޑު ވާހަކަދައްކާއިރުގައި ރައްޔިތުން އެ ދުވަހު އެދިފައިހުރި ގިނަ ކަންތައްތަކެއް ކޮށްދިނުމުގެ އުފާ އަޅުގަނޑަށް ކުރެވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އުލިގަމުގައިި ސަރުކާރުގެ މުހިންމު މަޝްރޫއެއްގެ ގޮތުގައި ދެން އަންނަ ދައުރެއްގައި ސިއްހީ މަރުކަޒު އިތުރަށް ތަރައްގީކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްލެއްގެ ގޮތުން ހައުސިން ޔުނިޓު އަޅައިދެއްވާނެ ކަމަށް ރަައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ މައި މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެކަމަށް ވެސް ރައީސް ވައުދުވެވަޑައުގަތެވެ.

"ހަމަ ޔަގީނުން ވެސް މި ފަަހަރު އުލިގަމަށް ގެެނެވޭ ބަދަލުތަކާ އެކުގައި އުލިގަމުގެ ރައްޔިތުން ދެން އުޅެމުންދާނީ އުފާވެރިކަމާއި އަމާން ރާއްޖޭގައި،" ރައީސް ވިދާޅުވިއެވެ.
comment ކޮމެންޓް