އެކަނި ވެސް އިންތިޚާބަށް ނުކުމެވިދާނެ، އެކަމު އެއީ ފައިދާހުރި ގޮތެއް ނޫން: ރައީސް

ރައީސް ޞާލިހު ވ. ތިނަދޫގައި ވާހަަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަނަކާ ނުލައި، އެކަނި ވެސް އިންތިޚާބުގައި ވާދަކުރެވިދާނެ ކަމަށާއި އެހެންނަމަވެސް އެއީ ރައްޔިތުންނަށް އެންމެ ބޭނުންތެރި ގޮތަށް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ވ. އަތޮޅުގެ ރަށްތަކަށް އެ މަނިިކުފާނު ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި ތިނަދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެ މަނިކުފާނުގެ ޓީމުގެ އަމާޒު ވަރަށް ސާފު ކަމަށެވެ. އެއީ، އުފާވެރި އަމާން ރާއްޖެއެއް ގެނެސްދިނުން ކަމަށާއި އެ ކަމަށް އެކި ވިސްނުންތައް މުހިންމުވާ ކަމަަށް ރައީސް ވިދާޅުވިއެވެ.

"މި ކަން އަޅުގަނޑުމެންނަށް ކޮށްދެވޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގިނަ ބައެއްގެ ވިސްނުން އެކުވެ އުފެއްދޭ ސަރުކާރަކުން. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގައި މި އޮތް ތަފާތު ޚިޔާލުގެ ބޭފުޅުންގެ ވިސްނުމާ އެކީ ކަންތައްތައް ކުރުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިއަދު އެމްޑީއޭއާއި އަދާލަތު ޕާޓީ އޮތީ އެ މަނިކުފާނާ އެކު ކަމަށެވެ. އެހެންކަމުން އެ ދެ ޕާޓީގެ މެންބަރުންގެ މަޝްވަރާ ކަންކަން ނިންމުމުގައި ހިމަނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ތަރައްގީވަމުން އަންނަ ގައުމެއްގައި ސަރުކާރެއް ހިންގޭނީ ކޯލިޝަނަކާ އެކު ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެކަނި ވެސް ނުކުމެވިދާނެ. އެހެންނަމަވެސް އެއީ މި ގައުމަށް އެންމެ ބޭނުންތެރި ގޮތެއް ނޫން. އަދި، މި ގައުމަށް އެންމެ ރަނގަޅު ގޮތް ހޯދޭނީ ކޯލިޝަނަކާ އެކީގައި،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނުވަނީ އާބާދީ މަދު ރަށްރަށް ބާކީނުކޮށް މުޅި ރާއްޖެ ތަރައްގީކުރުމަށް އެ މަނިކުފާނު ޚާއްސަ އިސްކަމެއް ދެއްވަމުން އައިކަމަށް ވިދާޅުވެފައެވެ.

އެއާއެކު ތިނަދޫގައި ވެސް ހުރި މުހިންމު ކަންކަން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގެ ވޯޓު އައުމުގެ ކުރިން ރަށުގައި ނަރުދަމާއާއި ފެނުގެ ޚިދުމަތް ލިބެން ފެށޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ފައްކާވަމުން އަންނަ ރަށެއްގައި ބޭސްފަރުވާގެ ނިޒާމެއް އޮންނަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވަރަށް އަވަހަށް މި ރަށުން ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސަަވައިދެއްވާނެކަމަށެވެ. އެގޮތުން ބޭސް ފިހާރައެއް ރަށުގައި ގާއިމްކޮށްދެއްވާނެކަމަށް ރައީސް ވައުދުވެވަޑައިގަތެވެ.

comment ކޮމެންޓް