ރާއްޖޭގެ މުސްތަގްބަލު ވަރަށް އުޖާލާ، ތައުލީމީ ޖީލަށް ފުރުސަތު ދޭނަން: ރައީސް

މ. މަޑުއްވަރީގައި ރައީީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

ރާއްޖޭގެ މުސްތަގްބަލު އޮތީ ވަރަށް އުޖާލާކޮށްކަމަށާއި ތައުލީމު ހާސިލްކޮށްގެން ނިކުންނަ ޒުވާން ޖީލަށް ފުރުސަތު ދެއްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުތަކުގައި މަޑުއްވަރިއަށް ވަޑައިގެން ދެއްކެވިި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އުމްރާނީ ތަރައްގީގެ މަޝްރޫތައް ހިންގުމަށް ދޭ އިސްކަން މީހުން ބިނާކުރުމަށް ވެސް ސަރުކާރުން ދެމުން އަންނަކަމަށެވެ.

"ދިވެހިރާއްޖޭގެ މުސްތަގްބަލް ވަރަށް އުޖާލާ. ވަރަށް އުންމީދީ ކުދިން ކޮޅެއް މި އަންނަނީ. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ އެ ކުދިން އައިސް މި ގައުމު މުޅިން އެހެން އުސްމިނަކަށް ގެންދިއުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ 'އަމާން އުފާވެރި ރާއްޖެއެއް ހޯދައިދެވޭނީ ޒުވާން ޖީލަށް ފުރުސަތު ދީގެން ކަމަށެވެ.

ރައީސް ވިދާޅުވީ އުމްރާނީ ތަރައްގީގެ ތެރެއިން ސްކޫލުތަކުގެ ތަރައްގީއަށް:

  • 1578 ކްލާސްރޫމް އެކި ސްކޫލުތަކުގައި އެޅިއްޖެކަމަށް
  • 85 މަލްޓިޕާޕަސް ހޯލް އެޅިއްޖެކަމަށް

"މިއީ ތިޔަ ބޭފުޅުން ބައްލަވާ މީގެ 10 އަހަރު 15 އަހަރު ފަހުން ވިޔަސް ކުރެވިފައިނުވާ ވަރުގެ ބޮޑެތި މަސައްކަތްތައް ކޮށް ނިމެމުން މިދަނީ. އަޅުގަނޑުމެން ބޭނުންވަނީ ކުރިއަށް އޮތް ތަނުގައި ވެސް މި ފެށިފައި އޮތް މަޝްރޫތައް މުޅިން ނިންމައި، އަޅުގަނޑުމެން މި ބިނާކުރާ ދަރިވަރުން ރާއްޖެއަށް [ކިޔަވައި ނިންމައިގެން] އެނބުރި އައިސް ވަޒީފާ އަދާކުރާނެ ރަނގަޅު ވަޒީފާތަކެއް އެއާއެކީގައި އުފެއްދުން،" ރައީސް ވިދާޅުވިއެވެ.

މިހައިތަނަށް ހަމައެކަނި ހިލޭ ޑިގްރީއަށް ވެސް 17،858 ދަރިވަރުން ކިޔަވަމުން އަންނައިރު އެއީ ކުރިއަށް އޮތް ހަތަރު ވަރަކަށް އަހަރުގެ ތެރޭ ކިޔަވައިނިމި މަސައްކަތުގެ މާހައުލަށް ނިކުންނާނެ ކުދިންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހައިތަނަށް އައިއިރު އޭގެ ތެރެއިން 6،540 ދަރިވަރުން ކިޔަވައި ނިމެއްޖެކަމަށެވެ.

ރައީސް ވިދާޅުވީ ދަރިވަރުންނަށް ސަރުކާރުން ދޫކުރި އެހެނިހެން ލޯން ސްކީމުތަކުގެ ތެރެއިން:

  • 3،000އަށްވުރެ ގިނަ ދަރިވަރުން ސްޓޫޑެންޓު ލޯން ސްކީމް ނަގައި ބޭރުގައި ކިޔަވަމުން އަންނަކަމަށް
  • 1،265 ދަރިވަރުން ރާއްޖޭން ބޭރުގައި ސަރުކާރު ސްކޮލަޝިޕްގައި ކިޔަވަމުން އަންނަކަމަށް

ރައީސްގެ ވާހަަކަފުޅުގައިވަނީ މަޑުއްވަރީގެ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދެމުން އަންނަކަަމަށާއި ދެން އަންނަ ދައުރަކު ވެސް ރައްޔިތުން ބޭނުންވާ ކަންކަން ފުއްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

މ. މަޑުއްވަރީގައި ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

ޖަލްސާގައި ވާހަކަދައްކަވަމުން ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ ރައީސަށް މަޑުއްވަރީން ބޮޑު މެޖޯރިޓީއެއް ލިބޭނެ ކަމަށެވެ. އެއާއެކު އިކްރާމްވަނީ ރަށަށް ރައްޔިތުން ބޭނުންވާ ދެ ކަމެއް ރައީސަށް ހިއްސާކޮށްދެއްވައިފައެވެ. އެ ދެ ކަމަކީ:

  • އައުޓްޑޯ ވޮލީ ކޯޓެއް އަޅައިދިނުން
  • ޒަމާނީ ކުނި ކޮއްޓެއް އެޅުމުގެ މަސައްކަތް އަވަސްކުރުން

ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ބާރު ދުވެލީގައި މި ރަށުގައި ހިނގަމުން އަންނަކަން ފާހަގަކުރައްވައި އިކްރާމް ވިދާޅުވީ އަންނަ މަހުގެ ތެރޭ "ގައިން ތާހިރުވެ ތަރައްގީގެ ވާހަކަ' މި ރަށުގެ ރައްޔިތުންނަށް ވެސް ދެއްކޭނެކަމަށެވެ.

comment ކޮމެންޓް