އަތޮޅުތެރެއަށް އަސާސީ ޚިދުމަތްތައް ލިބެންޖެހޭކަން ގަބޫލުކުރީ ހަމައެކަނި ރައީސް ޞާލިހު: ހިސާން

ހިސާން ހުސައިން އެމްޑީޕީ ޖަލްސާއެއްގައި --- ފޮޓޯ/ އެމްޑީޕީ

ދެއިރު ދެދަޅައަށް ކަރަންޓު ނުކެނޑި ބޭނުންވާ ހުރިހާ އަސާސީ ޚިދުމަތްތަކެއް އަތޮޅުތެރޭ ރައްޔިތުންނަށް ލިބެންޖެހޭކަން ގަބޫލުކުރި ހަމައެކަނި ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހާރު މ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު މުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ހިސާން ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ރައީސް ކުރެއްވި މަސައްކަތަކީ އިންގިލާބީ މަސައްކަތެއް ކަމަށެވެ.

"އަތޮޅުތެރެއަށް ހައްގު މިންވަރަކީ ތާރު އެޅި މަގުތަކާ، އެއާޕޯޓުތަކާ، ސްކޫލުތަކަށް ކްލާސްރޫމުތަކާ، މަލްޓި ޕާޕޯސްހޯލްތަކާ އަޅުގަނޑުމެން ރާއްޖެތެރޭ މީހުންގެ ދަރިންނަށް މަތީ މައުލީމުކަން ގަބޫލުކުރައްވާ ހަމައެކަނި ރައީސަކީ ވެސް ރައީސުލް ޖުމްހޫރިއްޔާ،" ހިސާން ވިދާޅުވިއެވެ.

މާލެއާއި އަތޮޅުތެރޭގެ ފަރަގު ނައްތާލުމަށް ރައީސް ކުރެއްވި އެހެން މަސައްކަތްތަކަށް އަލިއަޅުވާލާ ހިސާން ވިދާޅުވީ، ދައުލަތުން ދޭ އިނާޔަތްތަކާ ކުރަންޖެހޭ ޚަރަދުތަކަކީ އެންމެނަށް އެއް މިންވަރަކަށް ހައްގުވާ އެއްޗެއްކަން ގަބޫލުކުރައްވާ، އެކަން އެހެން ތަންފީޒުކުރެއްވީ ވެސް ރައީސް އެކަނި ކަމަށެވެ.

އެގޮތުން ރައީސަށް ދެވަނަ ދައުރެއް ދޭންވީ، ރާއްޖޭގެ އަމާންކަން ދަމަހައްޓާ ރަށްރަށުގައި މިހާރު ކުރިއަށްދާ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ކަމަށް ހިސާން ވިދާޅުވިއެވެ.

comment ކޮމެންޓް