ޗެލްސީގައި ފެންވަރު ސާބިތުކޮށްދޭން ފުރުސަތުތައް ބޭނުންވި: ޕުލިސިޗް

ޗެލްސީގެ ދޫކޮށް، އޭސީ މިލާނާ ގުޅުނު އެމެރިކާ ފޯވަޑް ކްރިސްޓިއަން ޕުލިސިޗް -- ފޮޓޯ/ ގެޓީ

ޗެލްސީގައި އޭނާގެ ފެންވަރު ދެއްކުމަށް ފުރުސަތުތައް ބޭނުންވި ކަމަށް ދާދި ފަހުން އޭސީ މިލާނާ ގުޅުނު އެމެރިކާ ފޯވަޑް ކްރިސްޓިއަން ޕުލިސިޗް ބުނެފިއެވެ.

ޕުލިސިޗް ބުނެފައިވާ ގޮތުގައި ޗެލްސީގައި ފުރުސަތު ބޭނުންވެފައި ހުރި ނަމަވެސް، އޭނާގެ ފެންވަރު ސާބިތުކޮށްދިނުމަށް އެ ފުރުސަތު ދީފައެއް ނުވެއެވެ. ބޮރޫޝިއާ ޑޯޓްމަންޑުން 2019 ވަނަ އަހަރު ޗެލްސީއާ ގުޅުމަށްފަހު، ޕްރިމިއާ ލީގުގައި އެޓީމުގެ ފުރަތަމަ 11 އިން ޕުލިސިޗް ފެނިފައިވަނީ އެންމެ 58 މެޗުގައެވެ. މިދިޔަ ސީޒަނުގައި ވެސް ޗެލްސީގެ ފުރަތަަމަ 11 އިން ޕުލިސިޗް ފެނިގެންދިޔައީ އެންމެ އަށް މެޗެއްގައެވެ.

"އަހަރެން ގަބޫލުކުރަން އަހަރެންނަށް ފެންވަރު ސާބިތުކޮށްދިނުމަށް ޗެލްސީގައި ފުރުސަތު ދޭން ޖެހޭ ކަމަށް. ނަމަވެސް އެ ފުރުސަތު އަހަރެންނަށް ލިބިފައެއް ނުވޭ. މިހާރު އަހަރެންގެ އަމާޒަކީ އޭސީ މިލާނާއެކު އާ ޗެލެންޖަކާ ކުރިމަތިލުން. އަހަރެން އެކަމަށް ތައްޔާރު،" 'އީއެސްޕީއެން'އަށް ދިން އިންޓަވިއުއެއްގައި ޕުލިސިޗް ބުންޏެވެ.

އޭސީ މިލާނާ ޕުލިސިޗް ގުޅިފައިވަނީ 17 މިލިއަން ޕައުންޑް (22 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. މީގެ ކުރިން ޖަރުމަން ބުންޑަސްލީގާ އާއި އިނގިރޭސި ޕްރިމިއާ ލީގުގައި ޕުލިސިޗް ކުޅުނު ނަމަވެސް، އިޓަލީ ލީގަކީ އޭނާއަށް މުޅިން އާ ލީގެކެވެ.

އޭސީ މިލާނުން ދަނީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މިލާނުން ޕްރީ ސީޒަންގެ ތަމްރީންތަކުގެ ތެރެއިން ރެއާލް މެޑްރިޑާއި ޔުވެންޓަސް އަދި ބާސެލޯނާއާ ދެކޮޅަށް މެޗުތައް ކުޅޭނެއެވެ.

comment ކޮމެންޓް