ދެވަނަ ދައުރުގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުންނަށް ޖާގަ ހޯދައިދިނުން: ރައީސް

މާފުށީ ކެމްޕޭން ޖަލްސާގައި ރައީސް ޞާލިހު ވާހަކަދައްކަވަނީ --ފޮޓޯ/ އެމްޑީޕީ

ކުރިއަށް ރިޔާސީ ދައުރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ފަހުގެ ޖީލުގެ ޒުވާނުންނަށް ސިޔާސީ މައިދާނުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ތިން ރަށަށް ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި މިރޭ މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ޒުވާނުންނަށް ގައުމުގެ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުގެ ކުރިއަށް މި އޮތް ދައުރުގެ އެންމެ މުހިންމު އަމާޒަކީ އާ ޒުވާނުންނަށް، މި ޖީލަށް ފުރުސަތު ހުޅުވައިލުން. ރާއްޖޭގެ ކަންކަމުގައި ބަސްބުނެ ހަރަކާތްތެރިވުމުގެ ޖާގަ މިހާރަށްވުރެ ބޮޑަށް ހުޅުވައިލުން،" ރައީސް ވިދާޅުވިއެވެ.

މާފުށީ ކެމްޕޭން ޖަލްސާގައި ރައީސް ޞާލިހު ވާހަކަދައްކަވަނީ --ފޮޓޯ/ އެމްޑީޕީ

ރައީސަށް މާފުށިން ފެނިވަޑައިގަތީ ދިރިއުޅުން ބަދަލުކޮށްލާނެ ބޮޑު މަންޒަރު

ރައީސް ވިދާޅުވީ، މާފުށިން ފެންނަނީ އުފާވެރިކަން ކަމަށެވެ. އެ އުފާވެރިކަން ލިބެނީ އަމާންކަމާއި ހަމަޖެހުން ގާއިމްވެފައި އޮތުމުންކަމަށް ރައީސް ވިދާޅުވިއެވެ.

"މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަ ކުރަން ޖެހުނު ކަމަކީ ރާއްޖޭގައި އޮތް ހަލަބޮލިކަން ނައްތައިލައި ހަމަޖެހުން ގެނައުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ކަން ހާސިލްކުރެވުނީ މާފުށީ ރައްޔިތުންގެ ތާއީދާއެކުކަމަށެވެ.

ދެވަނަ ދައުރަކަށް މާފުށްޓަށް ރައީސްގެ ވައުދުތައް:

  • މާފުށީގެ ބޮޑެތި މަގުތައް ހެދުން

  • ރަނގަޅު ފެރީ ޓާމިނަލަކާއި ޖެޓީއެއް ތަރައްގީކުރުން

  • ހިއްކި ބިމުގައި ނަރުދަމާ ގާއިމްކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުން

  • މާފުށީ ހޮސްޕިޓަލް ޒަމާނީކޮށް ތަރައްގީކުރުން

އެ މަނިކުފާނު ވިދާޅުވީ ދިވެހީންނަކީ މަސައްކަތްތެރި ބައެއް ކަމަށާއި ބޭނުންވަނީ މަސައްކަތް ކުރާނެ ޖާގައާއި ވަސީލަތްތައް ކަމަށެވެ.

އެއީ، އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށް އެންމެ ފުރަތަަމަ ކަމެއްގެ ގޮތުގައި މަސައްކަތް ފެށި ސަބަބުކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފެނާއި ނަރުދަމާ ގާއިމްކޮށް އެ ނިމެނީ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ވެރިކަމަށް އައުމަށްޓަކައި ވީ ވައުދުތައް ހުރި ގޮންޖެހުންތަކާ އެކު ވެސް ފުއްދަމުން އަންނަކަމަށެވެ. މުޅި ރާއްޖެއަށް ބަލައިނަމަ 90 ޕަސެންޓު ވައުދުތައް ފުއްދައި، ބައެއް ވައުދުތަކާ އެއްގޮތަށް މަސައްކަތް ހިނގަމުން އަންނަކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ކަންކަމުގެ ތެރެއިން މާފުށްޓަށް ވެސް އެ މަނިކުފާނު ވެލެއްވި ރިޔާސީ ވައުދުތަކުގެ ބޮޑު ބައެއް ފުއްދަވައި، ނުނިމި ހުރި މަސައްކަތްތައް ހިނގަމުން އަންނަކަމަށް ވިދާޅުވިއެވެ.

އެގޮތުން ރައީސްވަނީ މާފުށީ ބަނދަރު ބޮޑުކުރުމާއި، ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް