ވިދާ ގުގުރާ އިރު ފެންވެރުން ރައްކާތެރިއެއް ނޫން

ގުގުރާ ވިދާއިރު ފެންވެރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި އެކަން ނުކުރުމަށް އެމެރިކާގެ ނޭޝަނަލް ވެދާ ސާވިސް އިން އިލްތިމާސްކޮށްފިއެވެ.

ގުގުރުމުގެ އަޑު އިވި ވިދާ ވަގުތަކީ ފެނާ އެންމެ ގާތް ވުމަށް އެކަށީގެންވާ ވަގުތު ނޫން ކަމަށް ވަނީ އިޝާރާތް ކޮށްފައެވެ. އެގޮތުން އެއްޗެހި ދޮވުމާއި ފެންވެރުމަކީ ނުރައްކާތެރި ކަމެއް ކަމަށް މޫސުމާ ބެހޭ ސާވިސްތަކުން ހާމަކުރެއެވެ.

އެމެރިކާގެ ސެންޓާ ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައި ވަނީ ގުގުރުމާއި ވިދުމާއެކު އޭގެ އަސަރު ޕްލަމްބިން މެދުވެރިކޮށް ދައުރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަސްލު ގުގުރާ ވިދާއިރު ހަމަ އެންމެ ރަނގަޅީ ފެނާ ވީހާ ވެސް ދުރުވުން. އެއީ ފެންވެރިޔަސް ނުވަތަ އަތް ދޮވުނު ކަމުގައި ވިޔަސް އެކަން ނުކުރުން އެންމެ ރަނގަޅު ވާނީ،" އެ ސެންޓަރުން ބުނެއެވެ.

ދަގަނޑު ފަދަ މެޓީރިއަލް އިން ތޫފާނުގެ އަސަރުތައް ފޯރުމުގެ ފުރުސަތު ބޮޑު ނަމަވެސް ޕްލާސްޓިކް ހޮޅިތަކުން ވެސް އެ ދައުރު ކުރުން އެކަށީގެންވާ ކަމަށް ވަނީ ހާމަކޮށްފައެވެ.

ގަދަ ތޫފާނެއްގެ ވަގުތުގައި ގުގުރާ ވިދާއިރު އިލެކްޓްރިކް އައުޓްލެޓަކާ ގުޅުންހުރި އެއްޗަކާ ދުރުގައި ހުރުމަށް ވެސް ލަފާ ދެއެވެ. އަދި އިލެކްޓްރޯނިކް ސާމާނުގެ ރައްކާތެރި ކަމަށް އެއިން ކަރަންޓު ކަނޑާލުމަކީ ވެސް ބުއްދިވެރި ކަމެކެވެ.

މިއީ ދިވެހިން ކުރީން ވެސް ކަންތައް ކޮށް އުޅުނު ގޮތެކެވެ. އެހެންވީމާ މިއީ ދިވެހިންނަށް އެހާ އާންމު ކަމަކަށް ނުވާނެއެވެ.

ވިދާއިރު އުފެދޭ ގުގުރި ތަކަކީ ވިލާތަކުގެ ވަށައިގެންވާ ވައިތައް ވަރަށް ހޫނުކޮށްލާ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން ވަރުގަދަ ކަރަންޓުތަކާއި އަލިފާން އުފެދެއެވެ. އެހެންވީމާ މިފަދަ ހާލަތެއްގައި މި ތަކެތި ދައުރުވެދާނެ ކަމުގެ ބިރު އޮތުމުން އެކަމުން ރައްކާތެރިވުމަށް ފެނާ ދުރުވުމަށް ލަފާ ދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް