މިދިޔަ މަހުގެ ފެން ބިލުން ވެސް ޑިސްކައުންޓު ދެނީ

އެމްޑަބްލިއުއެސްސީ ބިލްޑިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޑިސްކައުންޓު ހިމަނައިގެން ފޮނުވާފައިވާ މިދިޔަ މާޗު މަހުގެ ފެން ބިލަށް ވުރެ ބޮޑުވާނަމަ، ބޮޑުވާ މިންވަރު މިދިޔަ އޭޕްރީލް މަހުގެ ފެން ބިލުން އުނިކޮށްދޭން ސަރުކާރުގެ ފެން ކުންފުނި (އެމްޑަބްލިއުއެސްސީ)ން މިއަދު ނިންމައިފިއެވެ.

އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ނިމުނު ރޯދަ މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ޑިސްކައުންޓު ދިނީ މާޗު މަހުގެ 11 އިން މިދިޔަ މަހުގެ 11 އަށް ފޮނުވާފައިވާ ބިލުތަކަށް ކަމަށެވެ.

އެހެންވެ، މިދިޔަ މަހުގެ ބިލުގެ 10 އިންސައްތައަށް ވުރެ މި މަހުގެ ބިލު ކުޑަ ނަމަ، 10 އިންސައްތައާ އެއްވަރަށް ޑިސްކައުންޓު ދޭނެ ކަމަށާއި އަދި، މާޗު މަހުގެ ބިލަށް ވުރެ ބޮޑު ނަމަ، އެ އަދަދު އިތުރަށް ކުޑަ ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، އެމްޑަބްލިއުއެސްސީން ބުނީ އަލަށް ފެނާއި ކަރަންޓު ލާފައިވާ ގޭގެއަށް ފޮނުވާ ފުރަތަމަ ބިލަކީ މިދިޔަ މަހުގެ ބިލު ކަމަށްވާނަމަ، އެ ފަރާތްތަކަށް ވެސް މިދިޔަ މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓު ދޭނެ ކަމަށެވެ.

އެ ކުންފުނިން ވަނީ ކަރަންޓާއި ފެން ބިލަށް ދިން ލުޔާއެކު ލަސްނުކޮށް އަވަހަށް ބިލުތައް ދައްކަން އިލްތިމާސްކޮށްފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މިދިޔަ މަހުގެ ބިލުން ޑިސްކައުންޓް ދޭ އަދަދާއި، އިސްލާހުކުރާ ބިލުތަކާ އެކު އަދަދުތަކަށް އަންނަ ބަދަލުތައް މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް އަންގަމުންދާނެ ކަމަށެވެ.

ރޯދަ މަހުގެ ފެން ބިލުން ވެސް ޑިސްކައުންޓަށް އެ ކުންފުނިން ވަނީ 14 މިލިއަން ރުފިޔާ ދީފައެވެ.

ރަމާޟާން މަހު ޑޮމެސްޓިކް ކަރަންޓު ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އެ ކަމަށް ހައްލެއް ހޯދައި ދިނުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަރަންޓާއި ފެން ބިލަށް އެހެން މަސް މަހަށްވުރެ ރޯދަ މަހު އިތުރުވާ އެވްރެޖު އަދަދަށް ޑިސްކައުންޓު ދޭން ނިންމައިފައެވެ.

އެހެންވެ، ނިމިދިޔަ ރަމަޟާން މަހު ފެނާއި ކަރަންޓުގެ ޚިދުމަތްތަކަށް ބިލް ކުރީ އާދައިގެ މަހެއްގެ އެވަރެޖަށް ބަލައިގެން ކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް