ދެވަނަ ދައުރެއްގައި ކޮމަންޑޫ ރައްޔިތުންނަށް އެއާޕޯޓެއް އަޅައިދޭނަން: ރައީސް

ކޮމަންޑޫއަށް މިއަދު ވަޑައިގެން ރައީސް ރައްޔިތުންނާ ސަލާމް ކުރައްވަނީ-- ފޮޓޯ: އެމްޑީޕީ

ށ. ކޮމަންޑޫގެ ރައްޔިތުން އެދޭފަދަ އެއާޕޯޓެއް ދެވަނަ ދައުރެއްގައި އަޅައިދެއްވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ފެށުމުގެ ގޮތުން މިއަދު ކޮމަންޑޫއަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ.

ރައީސްގެ ވާހަކައިގެ ކުރިން ރައްޔިތުންގެ ފަރާތުން ބޭނުންވާ ކަންކަންވަނީ އެމަނިކުފާނަށް ހުށަހަޅައިފައެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • މަތި ކޮމަންޑޫގައި ފެނާއި ނަރުދަމާއާއެކު 300 ހައުސިން ޔުނިޓު އެޅުން
  • ކޮމަންޑޫގައި އެއާޕޯޓެއް ތަރައްގީކުރުމާއެކު ކައިރި ރަށްތަކުގައި ރިސޯޓު ހެދުން
  • 30 އެނދުގެ މިނީ ހޮސްޕިޓަލެއް ތަރައްގީކުރުން

ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ދެވަނަ ދައުރެއްގައި ކޮމަންޑޫއަށް ކޮށްދެއްވާނެ ކަންކަން ހާމަ ކުރައްވައިފައެވެ.

ކޮމަންޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވާހަކަ ދައްކަވަނީ-- ފޮޓޯ: އެމްޑީޕީ

އެގޮތުން ރައީސް ވިދާޅުވީ ކޮމަންޑޫ ކައިރި، ކުޑަފަރުގައި ފަސް އަހަރު ތެރޭ އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭމި ކޮމަންޑޫ ކައިރީގައި ކުޑަފަރުގައި މި ބޭފުޅުން އެ ވިދާޅުވާ ގޮތަށް އަޅުގަނޑު އެއާޕޯޓެއް އަޅާނަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މަތި ކޮމަންޑުއާއި ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް ސަރުކާރުން އަލަށް ގެންނަ ޑްރެޖަރާއެކު ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ޖުލައި މަހުގެ ފަހު ދިހައެއްގައި ޑްރެޖަރު އަންނާނެ. އިރާދަކުރެއްވިއްޔާ މި މަސް ނިމިގެންދާނީ އަޅުގަނޑުމެން ވައުދުވީ ގޮތަށް މި ދެ ކޮމަންޑޫ ދޭތެރޭ ހިއްކަންޖެހޭ ބިން ހިއްކައިފައި،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދެ ވަނަ ދައުރެއްގައި ދެ ކޮމަންޑޫ ގުޅައިލައި، މަތި ކޮމަންޑޫގައި 300 ހައުސިން ޔުނިޓު އަޅައިދެއްވާނެ ކަމަށެވެ.

އަދި 30 އެނދުގެ ހޮސްޕިޓަލަކަށް ކޮމަންޑޫ ސިއްހީ މަރުކަޒު ބަދަލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން މިއަދު ރަސްމީކޮށް ފައްޓަވާއިރު އެ މަނިކުފާނު ވިދާޅުވީ ކެމްޕޭންގެ އަމާޒާއި މިސްރާބުގައި އެއްވެސް މައްސަލައެއް ނެތްކަމަށެވެ.

ރައީސް ވިދާޅުވީ ކޮމަންޑޫ އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ނެންގެވީ ސަބަބުތަކެއް ނެތިގެން ނޫން ކަމަށެވެ. އެގޮތުން ކޮމަންޑޫ ރައްޔިތުންނަކީ 'ކެމްޕޭނަށް ފަރިތަ' ބަޔަކު އުޅޭ ރަށެއްކަމަށް ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ކޮމަންޑޫއިން ފެށި ކެމްޕޭނެއްގެ ނަތީޖާ ގޯސްވެފައި ނެތް ކަމަށެވެ.

ރައީސް ވިދާޅުވީ އަމާން ރާއްޖެއެއް ބިނާކުރުމުގެ ވާހަަކައަކީ ހަމައެކަނި ދައްކައިލައިގެން ފުއްދައިލެވޭނެ ވާހަކައެއްް ނޫން ކަމަށެވެ. އެ ކަން ކަށަވަރުކުރުމަށް ޓަކައި މަސައްކަތް ކުރީ އެ މަނިކުފާނުގެ ސަރުކާރުންކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ހާލަތު އޮތީ ބޮއްސުންލައިފައިކަމަށް ރައީސް ވިދާޅުވިއެވެ.

"މަގުމަތީ މީހުން މަރަނީ. ވިޔަފާރިވެރިއަކަށް ހަމަޖެހިލައިގެން ވިޔަފާރިއެއް ނުކުރެވޭ. ސިޔާސީ ސަރުކާރާ ޚިޔާލު ތަފާތުވާ މީހެއްވެއްޖެޔާ އޭނާ އޮންނަން ޖެހެނީ ޖަލުގައި،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިއަދު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއެކު އަސާސީ ހުރިހާ ހައްގެއް ކަށަވަރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުފާވެރި ދިރިއުޅުމެއް އުޅުމަކީ ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ އަސާސީ ހައްގެއްކަމަށެވެ. އެ ހައްގު ކަށަވަރުކުރެވެން އޮންނަނީ އަސާސީ ހައްގުތައް ކަށަވަރު ކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިޚާބާ ދިމާކޮށް ވަރަށް ގިނަ ކެނޑިޑޭޓުން ރައްޔިތުންގެ ގާތަށް އަންނާނެ ކަމަށެވެ. ވޯޓް ލުމުގެ ކުރިން މި ވޭތުވެދިޔަ ފަސް އަހަރާއި އޭގެ ކުރީ އަހަރުތައް އަޅާކިޔުއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

comment ކޮމެންޓް