އަޅުގަނޑުގެ ސަރުކާރެއްގައި ކުޅުދުއްފުށީގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އަޅައިދޭނަން: ނާޒިމް

ރޭ ކުޅުދުއްފުށީގައި އެމްއެންޕީއިން ބޭއްވި ޖަލްސާގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަރު މުހައްމަދު ނާޒިމް ވާހަކަދައްކަވަނީ-- ފޮޓޯ/ އެމްއެންޕީ

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ސަރުކާރެއްގައި ހދ. ކުޅުދުއްފުށީގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ތަރައްގީކޮށްދޭނެ ކަމަށް އެ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރޭ ކުޅުދުއްފުށީގައި އެމްއެންޕީއިން ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ އެ ޕާޓީގެ މެނިފެސްޓޯގައި ބޮޑު ތިލަދުންމައްޗަށް ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިމަނާފައިވާނެ ކަމަށެވެ. އޭގެތެރޭގައި ކުޅުދުއްފުށީގައި މިހާރު އޮތް އެއާޕޯޓު، ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރުން ހިމެނޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ކުޅުދުއްފުއްޓާއި، ހަނިމާދޫ އަދި ހޯރަފުށީގައި އަޅާ ބައިނަލްއަގުވާމީ ވައިގެ ބަނދަރަކީ އެ ސަރަޙައްދުގެ ވިޔަފާރިތަކާއި ފަތުރުވެރިންނާއި ގުޅިފައިވާ ވައިގެ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރާނަން." ނާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން ނާޒިމް ވިދާޅުވީ ކުޅުދުއްފުށީގައި މޯލްތައް ގާއިމުކޮށް، ވިޔަފާރީގެ ހަބަކަށް ހަދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ތިޔަ ބޭފުޅުންގެ މަސައްކަތްތައް ފެށި ތިޔަބޭފުޅުންގެ ވިސްނުމާއެކު ހޮނިހިރު ބާޒާރު ބަދަލުކޮށްލާނަން މިތާގަ އަޅުގަނޑުމެން މޯލްތައް އަޅާފަ. އަދި ޒަމާނީ ފެންވަރުގެ ކަންތައްތައް ކޮށްލާނަން،" ނާޒިމް ވިދާޅުވިއެވެ.

ރޭ ކުޅުދުއްފުށީގައި އެމްއެންޕީއިން ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ/އެމްއެންޕީ

ކުޅުދުއްފުށީގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީކުރާނެ ކަމަށް ނާޒިމް ވިދާޅުވިއިރު، އެ ސިޓީއާ 20 މިނިޓު ދުރުގައި އޮންނަ ހަނިމާދޫގައި މިހާރު އަންނަނީ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރަމުންނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ރަންވޭގެ ކޮންސްޓްރަކްޝަން މަސައްކަތްތަކާއި އިމާރާތްތަކުގެ ކޮންކްރީޓް މަސައްކަތްތަކާއި ޑްރެޖިންގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު މީގެ ކުރިން "ސަން"އަށް ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ޝެޑިއުލާ އެއްގޮތަށް ނިންމާލެވޭނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތްކަމަށެވެ. އެއީ އަންނަ އަހަރުގެ އޮކްޓޯބަރު މަހަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް --- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ހަނިމާދޫ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އޮތް ނަމަވެސް، އެ އެއާޕޯޓުގައި އެކަށީގެންވާވަރުގެ ރަންވޭއަކާއި ޓާމިނަލެއް ނެތުމުގެ ސަބަބުން އެގޮތަށް އޮޕަރޭޓް ނުކުރެވުމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ.

އެހެންނަމަވެސް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑައިރެކްޓް ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް