އިންތިޚާބަށް އެންމެ ބޮޑު ޚަރަދެއް ކުރެއްވީ ގާސީމާއި ނާޒިމް

ގާސިމާއި ނާޒިމް: ރިޔާސީ އިންތިޚާބަށް އެންމެ ބޮޑު ޚަރަދެއް ކުރެއްވީ މި ދެ ބޭފުޅުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބަށް އެންމެ ބޮޑު ޚަރައްދެއް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ކެންޑިޑޭޓު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ކަމަށް، ރިޔާސީ ކެންޑިޑޭޓުންގެ މާލީ ބަޔާންތަކުން ދައްކައިފިއެވެ.

ގާސިމްގެ މާލީ ބަޔާނުން ދައްކާ ގޮތުގައި އޭނާގެ ކެމްޕޭނަށް ލިބުނު ފައިސާގެ ތެރޭގައި އޭނާގެ އަމިއްލަ އެއް ލައްކަ ރުފިޔާ ހިމެނެއެވެ. އަދި، އެކިއެކި ގާނޫނީ ޝަހުސުތަކުން ލިިބުނު ފައިސާ 15 މިލިއަން ރުފިޔާއަށް އަރާއިރު ޖޭޕީން ލިބުނު ފައިސާގެ އަދަދު 5.4 މިލިއަން ރުފިޔާއަށް އަރައެވެ.

މީގެ އިތުރުން، އެ ޕާޓީން ލިބުނު ތަކެތީގެ އަގު 5.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި، އެހެންކަމުން ކެމްޕޭނަށް ގާސިމަށް ލިބުނު ޖުމްލަ އަދަދު 25.7 މިލިއަނަށް އަރާ ކަމަށް މާލީ ބަޔާނުގައިވެއެވެ.

ގާސިމް އިންތިޚާބަށް ކުރި ޚަރަދަށް ބަލާއިރު، އިންތިޚާބާ ގުޅިގެން އޭނާ އެއް ލައްކަ ރުފިޔާ ހޭދަކުރިއެވެ. އަދި، ބާކީ 20.3 ޚަރަދުކޮށްފައި ވަނީ ތާއިދު ހޯދުމަށެވެ.

އިންތިޚާބަށް ހޯދި ފައިސާގެ ތެރެއިން 85،450 ރުފިޔާ ކެމްޕެއިން ނިމުނުއިރު ބާކީ ހުރި ކަމަށް ވެސް މާލީ ބަޔާނުން ދައްކައެވެ.

ނާޒިމްގެ މާލީ ބަޔާނުގައިވާ ގޮތުން، އޭނާގެ ކެމްޕޭނަށް ޚަރަދުކުރުމަށް އަމިއްލަ ފައިސާއިން ހަތް ލައްކަ ރުފިޔާ ހިމެނިއެވެ. އަދި އޭނާއަށް ވަކިވަކި ފަރުދުންގެ ފަރާތުން ލިބުނު ފައިސާ ހަ މިލިއަނަށް އަރާއިރު އެކިއެކި ގާނޫނީ ޝަހުސުތަކުން ލިބުނު ފައިސާ 5.9 މިލިއަން ރުފިޔާއަށް އަރައެވެ.

ނާޒިމްގެ ކެމްޕޭނަށް ތަކެތީގެ ގޮތުގައި އެއްޗެއް ލިބިފައިނުވުމުން، އޭނާއަށް އިންތިޚާބަށް ލިބުނީ ޖުމްލަ 13 މިލިއަން ރުފިޔާއެވެ. ކެމްޕޭން ނިމުނުއިރު އޭގެ ތެރެއިން ބާކީވީ 303 ރުފިޔާއެވެ.

އެންމެ ގިނަ ރިޔާސީ ކެންޑިޑޭޓުން ވާދަކުރެއްވި އެ އިންތިޚާބުގައި އެހެން ކެންޑިޑޭޓުން ޚަރަދުކުރެއްވީ:

  1. ރައީސް ޑރ. މުޙައްމަދު މުއިއްޒު: ދެ މިލިއަން ރުފިޔާ
  2. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް - 6.8 މިލިއަން ރުފިޔާ
  3. އިލްޔާސް ލަބީބް - 2.5 މިލިއަން ރުފިޔާ
  4. ފާރިސް މައުމޫން - 1.1 މިލިއަން ރުފިޔާ
  5. އުމަރު ނަސީރު - 285،950 ރުފިޔާ
  6. ޙަސަން ޒަމީލް - 16،259.68 ރުފިޔާ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންނަށް ލިބުނު ވޯޓަށް ބަލާއިރު:

  • 1. އުމަރު ނަސީރު: 6343 ވޯޓު
  • 2. ޒަމީލު : 327 ވޯޓު
  • 3. ޞާލިޙް: 86،161 ވޯޓު
  • 4. ރައީސް ޑރ. މުއިއްޒު: 101،635 ވޯޓު
  • 5. ގާސިމް: 5460 ވޯޓު
  • 6. ފާރިސް: 2979 ވޯޓު
  • 7. އިލްޔާސް ލަބީބު: 15،839 ވޯޓު
  • 8. މުހައްމަދު ނާޒިމް: 1907 ވޯޓު
comment ކޮމެންޓް