ހުޅުމާލެ ހޮސްޕިޓަލް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހުޅުމާލެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން-- ފޮޓޯ/ އެސްޓީއޯ

ހުޅުމާލެ ހޮސްޕިޓަލަށް އެކަށީގެންވާ ފުރިހަމަ ސިއްހީ ޚިދުމަތެއް ފޯރުކޮށްދިނުމަށް އައިސީޔޫ އާއި އެންއައިސީޔޫ ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އާ އެކު އެެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއެކު، ހުޅުމާލެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ އަދަދު އެތައްގުނައެއް އިތުރުވެ، މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަނުގެ ޖާގައިގެ ދަތިކަމެވެ.

ހުޅުމާލެ ހޮސްޕިޓަލް ތަރައްޤީ ކުރާނެ ގޮތުގެ ކޮންސެޕްޓް-- ފޮޓޯ/ އެސްޓީއޯ

މީގެ 19 އަހަރު ކުރިން ޚިދުމަތްދޭން ފެށި ހުޅުމާލެ ހޮސްޕިޓަލުގައި މެންޓަލް ހެލްތުގެ ޚިދުމަތާއި، ކުޑަކުދިން ހެދިބޮޑުވުމުގައި ދިމާވާ ތަފާތު ސިއްހީ މައްސަލަތަކަށް ޚާއްޞަ ފަރުވާ ދިނުމަށް ވަކި ޚާއްޞަ ސެންޓަރެއް ޤާއިމްކުރުމުގެ އިތުރުން ކެންސަރުބަލީގެ ފަރާތްތަކަށް ޚިދުމަތް ދިނުމަށް އޮންކޮލޮޖީ ސެންޓަރު ފަދަ ތަފާތު އެކިއެކި އާ ޚިދުމަތްތައް ވަނީ ތައާރަފުކޮއްފައެވެ.

އެހެންނަމަވެސް މިވަގުތު ހުޅުމާލޭ ހޮސްޕިޓަލްގައި ޚިދުމަތްދެމުން ދަނީ އެންމެ އޮޕަރޭޝަން ތިއޭޓަރަކުންނެވެ. އެ ހޮސްޕިޓަލުން ބުނީ ދުވަހުން ދުވަހަށް ކުރަން ޖެހޭ ބައެއް އޮޕޮރޭޝަންތައް ކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެކަމާ ހުރެ ކުރިމަތިވަމުންދާ ކަމަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާއެކު އަލަށް ގާއިމްކުރާ އޮޕޮރޭޝަން ތިއޭޓާ ޕްރޮޖެކްޓްގައި ފަސް އޮޕޮރޭޝަން ތިއޭޓަރެއް ހިމެނެއެވެ. އެގޮތުން ކަށީގެ އާއި ލޮލުގެ އާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަ އަދި އާންމު ސާޖަރީތައް ހިމެނޭނެއެވެ.

ހުޅުމާލެ ހޮސްޕިޓަލް ތަރައްޤީ ކުރާނެ ގޮތުގެ ކޮންސެޕްޓް-- ފޮޓޯ/ އެސްޓީއޯ

އެ ހޮސްޕިޓަލުން ވަނީ އެއާއެކު ހުޅުމާލެ ހޮސްޕިޓަލްގައި ދެމުންދާ ޚިދުމަތްތަކަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބުނެފައެވެ.

މިވަގުތު އިތުރުވަމުން އަންނަ ބޮޑު އާބާދީއަށް ކޭޓާކުރުމަށް ހުޅުމާލޭގައި ހުރީ ޖުމްލަ 17 އައިސީޔޫ އެނދެވެ. މި މަޝްރޫއާއެކު އިތުރު 24 އައިސީޔޫ އެނދު ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކުރާނެއެވެ. އެއި 100 ޕަސެންޓަށް ވުރެގިނަ އިތުރުވުމެކެވެ.

comment ކޮމެންޓް