ރެކޯޑު އަގަކަށް ޓޮނާލީ ނިއުކާސަލަށް

ނިއުކާސަލް ޔުނައިޓެޑާ ގުޅުނު އިޓަލީ މިޑްފީލްޑަރު ޓޮނާލީ -- ފޮޓޯ/ ގެޓީ

ނިއުކާސަލް ޔުނައިޓެޑުގެ ރެކޯޑު ފީއެއްގެ ދަށުން އިޓަލީ މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ އެ ކްލަބާ ގުޅިއްޖެއެވެ.

އޭސީ މިލާނަށް ކުޅެމުންދިޔަ ޓޮނާލީ، ނިއުކާސަލަށް ސޮއިކޮށްފައިވާކަން އެ ކްލަބުން ވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ. އޭނާ ނިއުކާސަލަށް ސޮއިކޮށްފައިވަނީ 2028ގެ ނިޔަލަށް 70 މިލިއަން ޔޫރޯ (76 މިލިއަން ޑޮލަރު)ގެ ފީއެއްގެ ދަށުންނެވެ. އެއީ ނިއުކާސަލްގެ ތާރީހުގައި އެންމެ ބޮޑު އަގަކަށް އެ ކްލަބަށް ގެންދިޔަ ކުޅުންތެރިޔާއެވެ.

ނިއުކާސަލުން އުމުރުން 23 އަހަރުގެ ޓޮނާލީގެ ސޮއި ހޯދާފައިވަނީ އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގަށް އެޓީމުގެ މިޑްފީލްޑް ވަރުގަދަކުރުމަށެވެ. ނިއުކާސަލްގެ ފުރަތަަމަ އަމާޒަކީ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ބުރުން ކުރި ހޯދުމެވެ.

"ފުރަތަަމަ ކަމަކަށް އަހަރެންގެ ކެރިއަރުގައި ބޮޑު ފުރުސަތެއް ދިނީތީ ނިއުކާސަލަށް ޝުކުރު އަދާކުރަން. އަހަރެން ބޭނުންވަނީ ދަނޑުމަތީގައި އަހަރެންގެ އެންމެ ރަނގަޅު ކުޅުން ދައްކައި، ކްލަބުގެ އިތުބާރު ހޯދުން،" ނިއުކާސަލަށް ސޮއިކުރުމަށްފަހު ޓޮނާލީ ބުންޏެވެ.

ޓޮނާލީއާ ގުޅޭގޮތުން ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ ޓޮނާލީއަކީ ފިޒިކަލީ އަދި ޓެކްނިކަލް ގޮތުން ވެސް ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ ކްލަބާ ވަރަށް ގުޅޭނެ ކުޅުންތެރިޔަކަށް ވެގެންދާނެ ކަމަށެވެ. އަދި ޒުވާން އުމުރުގައި ޓޮނާލީ ވަނީ މުހިންމު މިޑްފީލްޑަރެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފައި ކަމަށް ވެސް ހޯވް ބުންޏެވެ.

comment ކޮމެންޓް