ވޯލްޑް ސްކޮލާސް ކަޕްގެ ވަނައެއް ވިލާ ހައި ސްކޫލަށް

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުން ލިބުނު ކާމިޔާބީއާއެކު--- ފޮޓޯ/ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް

ވޯލްޑް ސްކޮލާސް ކަޕްގެ ގްލޯބަލް ރައުންޑް ސީނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް ލިބިއްޖެއެވެ.

މިފަހަރުގެ ވޯލްޑް ސްކޮލާސް ކަޕްގެ ގްލޯބަލް ރައުންޑް ކުރިއަށް ގެންގޮސްފައި ވަނީ، މިހިނގާ ޖޫންމަހުގެ 22 އިން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ޤަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ޤަތަރުގެ ނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ، ފަހުގެ ވިސްނުންތަކާއެކު ފަރުމާކޮށްފައިވާ ތަފާތު ވައްތަރުގެ ދިރާސީ ޙަރަކާތްތައް ހިމެނިގެންނެވެ. ޗެމްޕިއަން ޓީމުގައި ހިމެނޭ ދަރިވަރުންނަކީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ގްރޭޑް 12ގައި ކިޔަވަމުންދާ ޢާއިޝަތު ރާޔާ ނިމާދު، ޢާއިޝަތު ކާޔާ ރިފާއީ އަދި ފާތިމަތު ރައުމު މުޚުތާރެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުން ލިބުނު ކާމިޔާބީއާއެކު--- ފޮޓޯ/ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުން ހޯދި ވަނަތައް:

  • އިންޑިވިޖުއަލް އޯވައޯލް 13 ވަނަ މަޤާމް- ނާއިފް މުޙައްމަދު
  • ސްކޮލަރސް ބޮވްލް ޓީމު އިވެންޓުން 2 ވަނަ- ޢާއިޝަތު ރާޔާ ނިމާދު، ޢާއިޝަތު ކާޔާ ރިފާޢީ އަދި ފާތިމަތު ރައުމު މުޚުތާރު
  • ޗެލެންޖް ޓީމް އިވެންޓުން 5 ވަނަ- ޢާއިޝަތު ރާޔާ ނިމާދު، ޢާއިޝަތު ކާޔާ ރިފާޢީ އަދި ފާތިމަތު ރައުމު މުޚުތާރު

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ބުނީ، މި ހަރަކާތުގައި ބައިވެރިވި 12 ދަރިވަރުން އެމެރިކާގެ ޔޭލް ޔުނިވަސިޓީގައި އޮންނަ ޓޯރަނަމެންޓްސް އޮފް ޗެމްޕިއަން އަށް ކޮލިފައިވުމީ އެ ސްކޫލަށް ލިބިގެންދިޔަ ވަރަށްބޮޑު ކާމިޔާބީއެއް ކަމަށެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުން ލިބުނު ކާމިޔާބީއާއެކު--- ފޮޓޯ/ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުން ވޯލްޑް ސްކޮލާސް ކަޕްގެ ގްލޯބަލް ރައުންޑްއަށް ދަތުރުކޮށްފައިވަނީ، ރާއްޖޭގައި އޮތް ރީޖަނަލް ރައުންޑުން ކޮލިފައި ވެގެންނެވެ. މި ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1800 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ އެކި އެކި ދިރާސީ މުބާރާތްތަކުން 26 ގޯލްޑް މެޑަލް އަދި 48 ސިލްވާ މެޑަލް ހޯދާފައިވެއެވެ.

ސްކޮލާސް ކަޕަށް ދަރިވަރުން ތައްޔާރުވުމުގެ ތެރެއިން ދަރިވަރުންގެ އުފެއްދުންތެރި ލިއުމުގެ ހުނަރާއި، ޓީމު ބަހުސް ކުރުމުގެ ހުނަރު ފަދަ ހުނަރު ކުރިއެރުވުމަށާއި ވާދަކޮށް ކުރިހޯދުމުގެ ރޫޙު ދަރިވަރުންގެ މެދުގައި އުފައްދައިދެއެވެ.

އަދި ގުޅިގެން މަސައްކަތް ކުރުމުގެ ވައްޓަފާޅިއާއި ކެތްތެރިކަން އަށަގެންނުމަށްވެސް އެހީތެރިވެދެއެވެ.

ވޯލްޑް ސްކޮލަރސް ކަޕްގެ ގްލޯބަލް ރައުންޑްގައި ބައިވެރިވި ވިލާގެ ދަރިވަރުން--- ފޮޓޯ/ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ބުނީ ވޯލްޑް ސްކޮލާސް ކަޕުގެ ގޮލޯބަލް ރައުންޑަކީ ދުނިޔެއަށް ދަރިވަރުން ލޯހުޅުވުމަށް، އެކި ބައްރުތަކުގެ ކުދީންނާ ބައްދަލުވެ ޅަފަތުގައި ރަޙުމަތްތެރިންގެ ބައިނަލް އަގުވާމީ ނެޓްވޯކެއް ޤާއިމުކުރުމަށް ލިބިގެންދާ އަގުހުރި ފުރުޞަތެއް ކަމަށެވެ.

ސްކޮލާސް ކަޕްގެ ޙަރާކާތްތަކަށް ދަރިވަރުން ފަރިތަކުރުވާ ތައްޔާރު ކޮށްދީފައިވަނީ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ތަޖުރިބާކާރު މުދައްރިސުންކަމަށް ވެސް އެ ސްކޫލުން ބުނެއެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަކީ ރާއްޖޭގައި މިހާރު ކިޔަވައިދެމުންދާ ހައި ސްލޫކްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ހައިސްކޫލެކެވެ.

comment ކޮމެންޓް