ރައީސްގެ ދެކަނބަލުން އީދު ފާހަގަ ކުރައްވަން ތޮއްޑޫއަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު އީދު ފާހަގަ ކުރެއްވުމަށް އއ. ތޮއްޑޫއަށް މިއަދު ވަޑައިގެންފިއެވެ.

އެ ދެކަނބަލުން މިއަދު ހެނދުނު ތޮއްޑޫއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރަށް އެއްވެ ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ.

ތޮއްޑޫގެ އަންހެނުންގެ ފަރާތުން ދެއްވާ މެންދުރުގެ ފަރިއްކޮޅެއްގައި އެ ދެކަނބަލުން ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ ދެކަނބަލުން ތޮއްޑޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދެންނެވުން-- ފޮޓޯ: ރައީސް އޮފީސް

ތޮއްޑޫއަކީ ޒަމާނުންސުރެއް ވަރަށް ކުލަ ގަދަކޮށް އީދު ފާހަގަ ކުރާ ރަށެކެވެ. އަވަށު ވާދައިގެ ތެރެއިން އެ ރަށުގައި ކުޅެމުން އަންނަ ސަގާފީ ކުޅިވަރުތައް މުޅި ރާއްޖެއަށް ވެސް މަޝްހޫރެވެ.

ރައީސުލްޖުމްހޫރިއްޔާ، ވަނީ މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި މިއަދު ކުރި، ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގެންފިއެވެ. ޢީދު ނަމާދަށްފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްލާމީ މަރުކަޒުގައި އޮތް ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވި އާންމުންނާ ޢީދުގެ ސަލާމް ކުރައްވައި ޢީދު ތަޙްނިޔާ ބަދަލުކުރައްވާފައެވެ.

comment ކޮމެންޓް