އިންޑިއާ އާއި ކުވައިތުގެ ފޯރުގަދަ ކުރިމަތިލުން އެއްވަރު، ކުވައިތަށް އެއްވަނަ

ސާފް ޗެމްޕިއަންޝިޕް 2023 ގައި އިންޑިއާ އާއި ކުވައިތު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ސާފް ޗެމްޕިއަންޝިޕް 2023 ގައި ކުވައިތު އަތުން އިންޑިއާ އެއްވަރުވެއްޖެއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި އިންޑިއާ އާއި ކުވައިތު މިރޭ ކުޅުނު "ގްރޫޕު އޭ"ގެ ފަހު މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެ މެޗަށް ނުކުތް އިރުވެސް، އިންޑިއާ އަދި ކުވައިތު ވަނީ "ގްރޫޕު އޭ"ގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފައެވެ. އެ ގްރޫޕުން ކަޓާފައިވަނީ ނޭޕާލާއި ޕާކިސްތާނެވެ. އެހެންކަމުން އިންޑިއާ އާއި ކުވައިތު ކުޅުނު މެޗު ވެގެންދިޔައީ ގްރޫޕުގެ އެއްވަނަ ކަށަވަރުކުރުމަށް ކުޅުނު މެޗަކަށެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި އިންޑިއާ އާއި ކުވައިތު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ފިޒިކަލް، އެޓޭކިން ކުޅުމެއް ކުޅުމުންދިޔަ ތަނެވެ. އެގޮތުން ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ.

މެޗުގެ ހަތަރުވަނަ މިނެޓުގައި ކުވައިތަށް ގޯލު ޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. އީދް އަލް ރާޝިދީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކުވައިތުގެ މުހައްމަދު އަބްދުﷲ އެއް ފަހަރުން ފޮނުވާލި ހަމަލާ، އިންޑިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި އިންޑިއާ އާއި ކުވައިތު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ ދިހަވަނަ މިނެޓުގައި އިންޑިއާއަށް ގޯލު ޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. މަހޭޝް ސިންހް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅަ، އިންޑިއާގެ އަންވަރު އަލީއަށް ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ. އެ ބޯޅަ، ނުރައްކާވުމުގެ ކުރިން ކުވައިތުގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ޝަބައިބް އަލް ޚަލްދީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ކުވައިތުގެ މުހައްމަދު އަބްދުﷲ، އިންޑިއާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ކުވައިތު ކޮޅަށް ގޯލު ޖެހުމަށްފަހު، އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އުފާފާޅުކުރަނީ -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ފުރަތަމަ ހާފުގެ ފަހުކޮޅު އިންޑިއާ ފެނުނީ ނުރައްކާކޮށެވެ. އެގޮތުން އިންޑިއާގެ ޑިފެންޑަރު އަންވަރު އަލީ ބޮލުން ފޮނުވާލި ހަމަލާއެއް ކުވައިތުގެ ގޯލާ އަމާޒުވެފައި ނުވާ އިރު، ނިކިލް ޗަންދްރަޝޭކަރް ނަގައިދިން ހުރަސް، އިނޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއަށް ރަނގަޅަށް ބޭނުން ކުރެވިފައެއް ނުވެއެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އިންޑިއާ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އަނިރުދް ތާޕާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ވެއްޓިލާފައި ފޮނުވާލި ހަމަލާއަކުން އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޗެތުރީއެވެ. އެ ގޯލަކީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޗެތުރީ ޖެހި ފަސްވަނަ ގޯލެވެ.

އެ ގޯލާއެކު ޗެތުރީ ވަނީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި 23 ގޯލު ކާމިޔާބުކޮށްފައެވެ. އެއާއެކު ޗެތުރީ ވަނީ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ދަމަހައްޓަމުންދާ ރެކޯޑާ އަރައި ހަމަކޮށްފައެވެ. ދަގަނޑޭ ވެސް ވަނީ ސާފް ޗެމްޕިއަންޝިޕްގައި 23 ގޯލު ޖަހައިފައެވެ. ޗެތުރީ ޖެހި ގޯލާއެކު މެޗުގެ ފުރަތަަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެންނެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި އިންޑިއާ އާއި ކުވައިތު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ 52 ވަނަ މިނެޓުގައި ކުވައިތަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އީދް އަލް ރާޝިދީ ދިން ބޯޅަ، އިންޑިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުވައިތުގެ ޝަބައިބް އަލް ޚަލްދީއަށް ރަނގަޅަށް ކޮންޓްރޯލުކުރެވިފައި ނުވާ އިރު، ޕެނަލްޓީ އޭރިއާ ތެރެއިން އީދް އަލް ރާޝިދީ ފޮނުވާލި ހަމަލާ، އިންޑިއާގެ ޑިފެންޑަރުން ގައިގައި ޖެހި ވަނީ ބްލޮކްވެފައެވެ.

އޭގެ ފަސް މިނެޓު ފަހުން ވެސް ކުވައިތަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ޝަބައިބް އަލް ޚަލްދީ ފޮނުވާލި އެ ހަމަލާ، އިންޑިއާގެ ކީޕަރު އަމްރިންދަރު ސިންހް ވަނީ މަތަކޮށްފައެވެ.

މެޗުގެ 80 ވަނަ މިނެޓުގައި އިންޑިއާގެ ކޯޗު އިގޯ ސްޓިމަކްއަށް ރަތް ކާޑެއް ދައްކައިފައެވެ. އޭނާއަށް ވަނީ ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރަތް ކަޑެއް ދައްކައިފައެވެ. އޭގެ ފަހުން އެންމެ ފަހުން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ހުރީ ސަސްޕެންޝަންގައެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، ދެ ޓީމަށް ވެސް ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އިންޑިއާގެ ރޯހިތު ކުމާރު ބޮލުން ފޮނުވާލި ހަމަލާ ކުވައިތުގެ ގޯލާ އަމާޒުވެފައި ނުވާ އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ކުވައިތުގެ ޝަބައިބް އަލް ޚަލްދީ ފޮނުވާލި ހަމަލާ، އިންޑިއާގެ ކީޕަރު އަންރިންދަރް ސިންހް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި އިންޑިއާ އާއި ކުވައިތު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗު ނިމެނިކޮށް ހިނގި ހަމަނުޖެހުމަކާ ގުޅިގެން ރެފްރީ ވަނީ ދެ ޓީމުގެ ކުޅުންތެރިޔަކަށް ވެސް ރަތް ކާޑެއް ދައްކައިފައެވެ. ރަތް ކާޑު ދެއްކީ ކުވައިތުގެ ހަމަދް އަލް ގަލަފް އަދި އިންޑިއާގެ ރަހިމް އަލީއަށެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކުވައިތުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ކުވައިތުގެ އަބްދުﷲ އަބްލޫޝީ ފޮނުވާލި ހަމަލާއެއް، ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރަން އުޅުމުގެ ތެރޭގައި އެ ގޯލު ވަދެފައިވަނީ އިންޑިއާގެ އަންވަރު އަލީ އަތުން ބައިކޮޅަށެވެ.

އެ ނަތީޖާއާއެކު "ގްރޫޕު އޭ" ގެ އެންމެ ކުރީގައި އޮތް އިންޑިއާ އަދި ކުވައިތު ވެސް ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. ކުވައިތުން ގްރޫޕުގެ އެއްވަނަ ހޯދީ ޖެހި ގޯލުންނެވެ.

މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ "ގްރޫޕު ބީ"ގެ ފަހު މެޗުތަކެވެ. މާދަމާ ހަވީރު 3:00 ގައި ކުޅޭ މެޗުގައި ރާއްޖެ އާއި ލުބުނާން ބައްދަލުކުރާ އިރު، މާދަމާ ރޭ 7:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ބަންގުލަދޭޝް އާއި ބޫޓާނެވެ.

comment ކޮމެންޓް