ނަހަމަ ގޮތުގައި ގޯތި ބަހައިލީ އިންތިޚާބަށް ނުފޫޒު ފޯރުވަން: ޕީޕީއެމް

ޕީޕީއެމްގެ އެއްވުމެއްގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސައިން

މި ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ބަހާފައި ވަނީ ނަހަމަ ގޮތުގައި ކަމަށާއި، އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގި ސިޔާސީ އަމަލެއް ކަމަށް އިދިކޮޅު ކޯލިޝަން ޕީޕީއެމް ޕީއެންސީން ބުނެފިއެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރުމާ ގުޅިގެން ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ވަނީ، ރިޔާސީ އިންތިޚާބަށް 75 ދުވަހަށް ވުރެ ގާތްވެފައިވަނިކޮށް، ބިން "ބަހައިލުމަކީ" އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލޭ ސަރަހައްދުން ހިއްކާފައިވާ ބިންތަކުގައި ހުސްކޮށް ހުރި ބިންތައް ބަހަފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ގާތް މީހުންނަށް ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފައި ވެއެވެ. އަދި، ގޯތި ދޫކޮށްފައި ވަނީ ހިއްކުމުގެ އީއައިއޭ ވެސް ނަހަދާ ހުރި ތަންތަނުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މި ސަރުކާރުގެ 20،000 ފްލެޓްގެ ވަޢުދު ފުއްދުމަށް ކުރެވުނު މަސައްކަތެއް ނެތް ކަމަށް ފާހަގަކޮށް އެ ބަޔާނުގައި ވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެތައް ފްލެޓެއް ރައްޔިތުންނަށް ނުދީ، އެ ތަންތަން ނިންމުމަށް ވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.

ޕީޕީއެމްއިން ވަނީ، ހިއްކާފައިނުވާ ސަރަޙައްދުތަކަކުން ގޯތި ހަމަޖައްސައިދީ ރައްޔިތުންނަށް އޮޅުވާލުމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ކަމާ ބެހޭ އިދާރާތަކުން ބެލުމަށް ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ހިމެނޭހެން ޖުމްލަ 10 މެންބަރަކަށް މާލޭން ގޯތި ލިބެއެވެ.

https://sun.mv/179065

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް 15،164 ފޯމު ހުށަހެޅިއެވެ. އެއީ، 23،801 މީހުންނެވެ. އޭގެ ތެރެއިން، 12،794 ފޯމު ނުވަތަ 19،857 މީހުންގެ ޝަރުތު ހަމަވެއެވެ. ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ.

ސަރުކާރުން، މާލޭ ސަރަހައްދުން ދޫކުރާ ބަންޑާރަ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަ ފޫޓެވެ. އަދި، އެކަކަށް ވުރެ ގިނަ މީހުން ހުށަހަޅާ ފޯމުތަކަށް، އިތުރުވާ ކޮންމެ މީހަކަށް 400 އަކަ ފޫޓު ބިމަށް އިތުރު ވާނެއެވެ. އެއް އެޕްލިކޭޝަންގައި ހަތް މީހުންނަށް ވުރެ ގިނަ މީހުން ހިމެނޭ ނަމަ ލިބޭނީ ޖުމުލަ 4،000 އަކަ ފޫޓުގެ ގޯއްޗެވެ.

comment ކޮމެންޓް