މާލޭން ގޯތި ދޫކުރާތީ ސިޔާމްގެ ޝުކުރު ރައީސަށް

އެމްޑީއޭގެ ރައީސް އަޙުމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާލޭ ރައްޔިތުންނަށް ގޯތި ދޫކުރަން ސަރުކާރުން ވީ ވައުދާ އެއްގޮތަށް މާލޭން ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު އިއްޔެ އާންމު ކުރުމުން، އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މަރުހަބާއާއި ޝުކުރު އަދާ ކުރައްވައިފިއެވެ.

މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެއާއި ގުޅީފަޅު ހިއްކައިގެން ދޫކުރާ ގޯއްޗާއި، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ގައެވެ.

އިއްޔެ އާންމުކުރާ ލިސްޓުގައި 10،314 މީހުންގެ ނަން ހިމެނޭއިރު، އެ ލިސްޓުގައި ނުހިމެނޭ ނަމަވެސް ޝަރުތު ހަމަވާ 9،500 އަށް ވުރެ ގިނަ މީހުންނަށް ވެސް ގޯތި ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ.

އެކަމާ ގުޅިގެން ރައީސަށް މަރުހަބާއާއި ޝުކުރު އަދާ ކުރައްވާ ކުރެއްވި ޓުވީޓެއްގައި ސިޔާމް ވިދާޅުވީ، ގޯތީގެ މައްސަލައަކީ މާލޭ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި ގޯތި ދޫކުރުވެމުން މާލޭ ސަރަހައްދަށް ދިމާވެފައި އޮތް ގޯތީގެ މައްސަލައިގެ މުޅި ނިޒާމަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

"އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެ ވެސް އޮތް އެންމެ ބޮޑު މައްސަލަ މާލޭ ރައްޔިތުންގެ ގޯތީގެ މަައްސަލައަށް އިންގިލާބީ ހައްލެއް ގެނެސްދެއްވާ، މާލޭ ސަރަހައްދުގެ އެންމެ ބޮޑު މައްްސަލައިގެ ނިޒާމަށް މި ގެނެސްދެއްވި ބަދަލަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑުގެ ހިތުގެ އިހްލާސްތެރި ޝުކުރާއި މަރުހަބާ ދަންނަވަން،" ސިޔާމް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް 15،164 ފޯމު ހުށަހެޅިއެވެ. އެއީ، 23،801 މީހުންނެވެ. އޭގެ ތެރެއިން، 12،794 ފޯމު ނުވަތަ 19،857 މީހުންގެ ޝަރުތު ހަމަވެއެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވީ، މި ވަގުތަށް 5،000 ގޯތި ދޭން އިއުލާނު ކުރި ނަމަވެސް ސަރުކާރުގެ ސިޔާސަތަކީ ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޫކުރުން ކަމަށެވެ.

"ސަރުކާރުން ނިންމާފައިވަނީ މި ޕްރޮގްރާމަށް ކޮލިފައިވީ ހުރިހާ ފަރާތްތަކަކަށް ގޯތި ދިނުމަށް، ސަރުކާރުގެ ސިޔާސަތެއް ގޮތުގައި ކަނޑައަޅައިގެން ކުރިއަށް ދާނީއޭ. އެހެންނަމަވެސް ފުރަތަމަ އިއުލާނު ކުރެއްވި 5،000 ގޯތީގެ ލިސްޓު މިއަދު ފެނިވަޑައިގަންނަވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

"ސަރުކާރުގެ ސިޔާސަތެއް އެބައޮތް، މި ލިސްޓު ލައިވް ލިސްޓެއްގެ ގޮތުގައި ބާއްވައިގެން ބާކީ ތިބި ފަރާތްތަކަށް އެކަން ހަމަޖެއްސުމަށް ތަރުތީބު ކުރާނެ ގޮތް ވެސް،"

ސަރުކާރުން، މާލޭ ސަރަހައްދުން ދޫކުރާ ބަންޑާރަ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަ ފޫޓެވެ. އަދި، އެކަކަށް ވުރެ ގިނަ މީހުން ހުށަހަޅާ ފޯމުތަކަށް، އިތުރުވާ ކޮންމެ މީހަކަށް 400 އަކަ ފޫޓު ބިމަށް އިތުރު ވާނެއެވެ. އެއް އެޕްލިކޭޝަންގައި ހަތް މީހުންނަށް ވުރެ ގިނަ މީހުން ހިމެނޭ ނަމަ ލިބޭނީ ޖުމުލަ 4،000 އަކަ ފޫޓުގެ ގޯއްޗެވެ.

comment ކޮމެންޓް