އިދިކޮޅު މުޒާހަރާއިން ފުލުހުންނަށް ހަމަލާދިން ކަމުގެ ތުހުމަތުވާ ޒުވާނާ ބަންދަށް

އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި ޒުވާނާ ފުލުހުންގެ ވެހިކަލުގައި އިނދެ ފުލުހަކަށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރާ މަންޒަރު -----

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީސް ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ތުހުމަތުވާ ޒުވާނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިދިކޮޅުން ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި ވެސް އާންމުކޮށް ފެންނަ އުމުރުން 23 އަހަރުގެ އެ ޒުވާނާއަށް ތުހުމަތުކުރަނީ އެއްވުން މަނާ ސަރަހައްދަކަށް އެއްވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި މާރާމާރީ ހިންގި ކަމަށެވެ.

އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރު ކޮށްފައެވެ.

އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި ޒުވާނާ ފުލުހުންނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރަނީ -----

އެ ޒުވާނާ ހައްޔަރު ކުރުމުގައި ފުލުހުން އަނިޔާކޮށްފައިވާކަމަށް ބުނެ އިދިކޮޅު އެކްޓިވިސްޓުން ވަނީ ވީޑިއޯއެއް އާންމު ކޮށްފައެވެ. އެ ވީޑިއޯގައި ދެ ފުލުހުން ވެގެން އެ ޒުވާނާގެ އަތްތިލަ ބަޅުކޮށް ބިންމަތިން ނަގަން މަސައްކަތް ކުރެއެވެ. ނަމަވެސް އެ ޒުވާނާ ގަދަ ހަދައި ހަޅޭއްލަވާ ހަދައެވެ.

ފަހުން އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުންގެ ވެހިކަލްގައި އިން އެ ޒުވާނާ ވަނީ ފުލުހަކަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ނުކުމެ ދުއްވައިގަނެފައެވެ. ފަހަތުން ގޮސް ފުލުހަކު އޭނާ ހިފަހައްޓައި އިތުރު ބައެއް ފުލުހުންނާ އެކު ހައްޔަރުކުރުމަށް މަސައްކަތް ކުރުމުން ގަދަ ހަދާ ފުލުހެއްގެ ގައިގަ ކޮޅުފައިން ޖަހާ މަންޒަރު ވެސް ފެނެއެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން ޒުވާނާ ވަނީ އޭނާ ހައްޔަރުކުރަން އުޅުނު ވަގުތު ފުލުހުންނާމެދު މާރާމާރީ ހިންގައި ފުލުހެއްގެ އަތުގައި ދަތް އަޅާފައެވެ.

މީގެ ކުރިން ވެސް އިދިކޮޅު މާޒާހަރާ ތަކުގެ ތެރެއިން އާންމުކޮށް ހައްޔަރުކުރާ އެ ޒުވާނާ މީގެ ކުރިން ގިނަ އަދަދެއްގެ މާރާމާރީގެ މައްސަލަތަކުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވަނީ ބުނެފައެވެ.

comment ކޮމެންޓް