ލޯފަން މީހުންނަށް އަމިއްލައަށް ވޯޓު ލާން ފުރުސަތުދޭ އިސްލާހު މަޖިލީހުން ފާސްކޮށްފި

ލޯފަން މީހުންގެ ޖަމިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޯޓު ކަރުދާސް ދައްކާލަނީ -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އިތުރު އެހީތެރި ކަމަކާ ނުލައި، އިންތިޚާބުތަކުގައި އަމިއްލައަށް ވޯޓު ލެވޭނެ ގޮތަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އެ އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. އިންތިޚާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ތަހައްމަލް ކުރާ އެންމެން ވޯޓު ލަމުން އައިސްފައިވަނީ އެހެން މީހެއްގެ އެހީތެރި ކަމާ އެކު ކަމަށާއި، އެކަމުގެ ސަބަބުން ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ގާނޫނުން ކަށަވަރު ކޮށްދޭ އެތައް ހައްގެއް ގެއްލޭ ކަމަށެވެ.

އެ އިސްލާހް މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ އިއްތިފާގުންނެވެ.

އެ އިސްލާހުގައިވާ ގޮތުން ލޯފަން މީހުންނަށް ވޯޓުލެވޭނެ ގޮތަށް ހާއްސަކޮށް ޕްލާސްޓިކް ޓެމްޕްލޭޓެއް މެދުވެރިކޮށް ވޯޓު ކަރުދާހުގައި ފާހަގަޖެހޭނެ އިންތިޒާމެއް ހަމަޖައްސައިދޭން ޖެހޭނެއެވެ.

ލޯފަން މީހުން އިންތިޚާބުތަކުގައި ލާ ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭތީ، އެ ކަމަށް ފަސޭހަ ހައްލަކާ އެކު ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބައެއް މެމްބަރުން ވަނީ މީގެކުރިން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވެސް ބައްދަލު ކޮށްފައެވެ.

comment ކޮމެންޓް