ޝަރުއީ ދާއިރާގެ މުވައްޒަފުން ތިބެންޖެހޭނީ ސިޔާސީ ކަންކަމާ ދުރުގައި، އެ ކަން ބަދަލެއް ނުވޭ: ޑީޖޭއޭ

ފެބްރުއަރީ 15، 2021: ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަރުއީ ދާއިރާގެ މުވައްޒަފުންނަކީ ސިޔާސީ ހަރަކާތްތަކާއި ދުރުގައި ތިބެންޖެހޭ ބައެއްކަމަށާއި އަލަށް އަމަލުކުރަން ފެށި ކޯޑް އޮފް ކޮންޑަކްޓުގެ ދަށުން ވެސް އެ ކަން ބަދަލުނުކުރާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނެފިއެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ހުއްދަކުރީކަމަށް ބުނެ ބައެއް މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ޚަބަރާ ގުޅިގެން ޑީޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ ޝަރުއީ ދާއިރާގެ އެއްވެސް މުވައްޒަފަކު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމަކީ އެއްވެސް އިރެއްގައި މަނާކަމެއް ނޫންކަމަށެވެ.

އަދި ނިސްބަތްވާ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބުތަކުގައި ވޯޓުލުމުގެ ފުރުސަަތު ކުރިން ވެސް އޮންނަކަމަަށެވެ.

އެއީ ކުރިން އަމަލުކުރި ބާބު 27ގައި ވެސް އެ ކަން އޮތް ގޮތްކަމަށް އެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާގެ މުވައްޒަފެއް، ޝަރުއީ ދާއިރާގެ ކަންކަމުގައި އޭނާއާ އެއްގޮތް ޚިޔާލު ނުވަތަ ފިކުރު ތަފާތުވާ މީހާއާ ދެމެދު ތަފާތުކުރުން ގެންގުޅޭކަން ނުވަތަ އެ ފަދަ ކަމެއްކޮށްފާނެކަަމާ މެދު ސުވާލު އުފެދިދާނެ ކަންކަން ކުރުން ވެސް އާ ކޯޑް އޮފް ކޮންޑަކްޓުގެ ތިންވަނަ މާއްދާގެ ދަށުންވަނީ މަނާކޮށްފައެެވެ.

އޭގެ ތެރޭގައި ސިޔާސީ ކަންކަމާއި އިޖްތިމާއީ ކަންކަން ހިމެނެއެވެ.

ޑީޖޭއޭއިން ބުނީ އާ ކޯޑް އޮފް ކޮންޑަކްޓުގެ މަގްސަދަކީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އަޚްލާގީ މިންގަނޑު ހިފަހައްޓައި އެންމެ މަތީ އަޚްލާގު ދެއްކުމަށް ބާރު އެޅުންކަމަށެވެ.

އަދި ކޯޓުތަކުގެ މިނިވަންކަން ކަށަވަރުކޮށް އާންމު ރައްޔިތުން އެ ދާއިރާގެ މުވައްޒަފުންނަށާއި ކޯޓުތަކަށް ކުރާ އިތުބާރު ދެމެހެއްޓުން ވެސް ކޯޑް އޮފް ކޮންޑަކްޓުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް ބުންޏެވެ.

އެ ކޮންޑަކްޓުގައި ސިޔާސީ ކަންކަން މާނަކޮށްފައިވަނީ ފުޅާ ދާއިރާއެއްގައިކަމުން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ހުއްދަ މިންވަރަކީ ކުރިން ވެސް ހުއްދަވެފައި ހުރި ކަންކަންކަމަށް ޑީޖޭއޭއިން ބުންޏެވެ.

comment ކޮމެންޓް