ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ޕާލޭ ފޯ ދަ އޯޝަންސް އިން އިންތިޒާމުކުރާ މުޅި ރާއްޖޭގައި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް މިއަދު ފަށައިފިއެވެ.
މި ހަރަކާތް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށައިފައިވާއިރު، 300އަށްވުރެ ގިނަ ރަށުގައި މި ހަރަކާތް ކުރިއަށް ދާނެއެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން ރިސޯޓުތައް ވެސް ހިމެނެއެވެެ.
މި ހަރަކާތް އިންތިޒާމުކުރާ، ޕާލޭ ފޯ ދަ އޯޝަންސް އަކީ ކަނޑުތަކަށް ޕްލާސްޓިކް ކުނިީގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތަކުން ރާއްޖޭގެ ކަނޑުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.
ޕާލޭއިން ބުނާ ގޮތުގައި ސާފު ކުރުމުގެ ހަރަކާތް ކުރިއަށްދާނީ މިއަދު ހެނދުނު 7:00 ފެށިގެން 9:00 އާ ހަމައަށް އަދި ހަވީރު 4:00 އިން ފެށިގެން 6:00 އާ ހަމައަށް ކަމަށެވެ.
މި ހަރަކާތުގެ ބައެއްގެ ގޮތުގައި ކަނޑުތަކާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް މިއަދު 2:30 ގައި ޔޫޓިއުބުން ދައްކާނެ ކަމަށް ވެސް ޕާލޭއިން ބުނެއެވެ.

ގއ. މާމެންދޫ ސްކޫލްގެ ދަރިވަރުން ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން--
މި ހަރަކާތުގެ ތެރެއިން އޯޝަން ޕްލެޖު، ބީޗް ކްލީން އަޕް، އޯޝަން ލެސަން އަދި އަންޑަވޯޓާ ކްލީން އަޕް ކުރިއަށް ގެންދަން ޕާލޭ އިން ވަނީ ރާވާފައެވެ.
ޕާލޭއިން ބުނީ މިއީ ރާއްޖޭގައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ބާރު އެޅުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއް ކަމަށެވެ. އަދި ކަނޑުތަކަށް އުކާލާ ޕްލާސްޓިކު މަދުކުރުމަށް ފަރުދުން އަމިއްލައަށް ވިސްނައި ބާރުއަޅަން ހިތްވަރު ލިބޭ ފަދަ ހަރަކާތަކަށް މި ހަރަކާތް ވެގެންދާނެ ކަމަށް ވެސް ޕާލޭއިން ބުނެއެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް ޕާލޭއިން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، 2015 ވަނަ އަހަރުން ފެށިގެން ކުނީގެ ގޮތުގައި އުކާލާފައިވާ 2,109,310 ކިލޯގެ ޕްލާސްޓިކް އެއްކޮށް އެ ކުނި ރިސައިކަލް ކޮށްފައި ވެއެވެ.