އެހެން ގައުމުތަކުގެ މުބާރާތްތަކުގައި ވާދަކުރުމަކީ އާ ކަމެއް ނޫން: އެތުލެޓިކްސް އެސޯސިއޭޝަން

އިންޑިއާގައި ކުރިއަށްގެންދާ އެ ގައުމުގެ އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން -- ފޮޓޯ/ އެތުލެޓިކްސް އެސޯސިއޭޝަން

އެހެން ގައުމުތަކުން ދައުވަތުދީގެން މީގެ ކުރިން ވެސް އެތައް އަހަރަކު މުބާރާތްތަކުގައި ވާދަކޮށްފައިވާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން އެހެން ބުނެފައިވަނީ އިންޑިއާގައި ކުރިއަށްގެންދާ އެ ގައުމުގެ އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެތުލީޓުން ވާދަކުރަމުންދާތީ އެކަމާ ފާޑުކިޔުންތަކެއް އަމާޒުވެފައިވާތީއެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ ކުޅިވަރަށް ވެސް ސިޔާސީ ކަންކަން ވަދެ، އިންޑިއާގެ ސްޓޭޓްތަކުގެ މުބާރާތްތަކުގައި ރާއްޖެއިން ވާދަކުރަމުންދާ ކަމަށާއި އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން އެނބުރި ގައުމަށް އައުމަށް ގޮވާލާ ކަމަށެވެ.

އެފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާތީ ގިނަ ބަޔަކު ވަނީ އެކަމަށް ރައްދު ވެސް ދީފައެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ރާއްޖޭގެ އެތުލީޓުން އެހެން ގައުމުތަކުގެ މުބާރާތްތަކުގައި ވާދަކުރަނީ ތަމްރީނާއި ތަޖުރިބާ ހޯދުމަށެވެ. އަދި އެ ވާހަކަތައް ދައްކަނީ އިންޑިއާގެ މުބާރާތަކަށްވުމުން ކުޅިވަރުގެ ތެރެއަށް ސިޔާސީ ކުލަ ގެނައުމަށް ކަމަށްވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ.

އެކަމާ ގުޅޭގޮތުން އެތުލެޓިކްސް އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކި ގައުމުތަކުން އިންތިޒާމުކުރާ އެ ގައުމުތަކުގެ ގައުމީ ފެންވަރުގެ ކުޅިވަރު މުބާރާތްތަކުގައި އަވަށްޓެރި ގައުމުތަކަށް ދައުވަތުދީގެންނާއި، އަވަށްޓެރި ގައުމުތަކުން އެދިގެން އެ މުބާރާތްތަކުގައި އެހެން ގައުމުތަކުން ވާދަކުރުމަކީ އާ ކަމެއް ނޫން ކަމަށާއި ހާއްސަކޮށް އިންޑިވިޖުއަލް ކުޅިވަރުތަކުގައި އެފަދަ ފުރުސަތުތައް ދިނުމަކީ އާންމުކޮށް ހުރިހާ ގައުމުތަކަކުން ވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

"ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަން 1983 ވަނަ އަހަރު އުފެދުނީއްސުރެ ބައިނަލްއަގުވާމީ މުބާރާތްތަކާއި އަވަށްޓެރި ގައުމުތަކުގެ ނޭޝަނަލް ޗެމްޕިއަންޝިޕްތަކުގައި އަންނަނީ ވާދަކުރަމުންނެވެ. މިގޮތުން އެސޯސިއޭޝަނުން ބައިވެރިވެ ވާދަކޮށްފައިވާ އެހެން ގައުމުތަކުގެ ނޭޝަނަލް މުބާރާތްތަކުގެ ތެރޭގައި ސްރީލަންކާ ނޭޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕް، ޕާކިސްތާން ނޭޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕް، މެލޭޝިއާ ނޭޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕް، ސިންގަޕޯ ނޭޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕް، ބޮޓްސްވާނާ ނޭޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕް، އިންޑިއާ ނޭޝަނަލް ސްޓޭޓް ޗެމްޕިއަންޝިޕް ފަދަ މުބާރާތްތައް ހިމެނެއެވެ..،" އެތުލެޓިކްސް އެސޯސިއޭޝަނުން ބުންޏެވެ.

އެ އެސޯސިއޭޝަނުން ބުނީ ރާއްޖޭގައި ބާއްވާ މުބާރާތްތަކުގައި ވެސް އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާގެ އެތުލީޓުން ވާދަކޮށް، އެ ގައުމުތައް ތަމްސީލުކޮށްފައިވާ ކަމަށާއި ނަމަވެސް ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭގޮތަށް ތަފާތު ވާހަކަތައް ދައްކަމުންދާ ކަމަށެވެ.

އެފަދަ ވާހަކަތަކަކީ އެ ވާހަކަތަކުގެ ސަބަބުން މިހާރު ވެސް އިންޑިއާގައި ތަމްރީނު ހަދަމުން އަންނަ އެތުލީޓުންނަށް ސީދާގޮތުންނާއި ނުސީދާގޮތުން އަސަރު ކުރާނެ ކަމެއް ކަމަށާއި އެފަދަ ހަގީގަތެއް ނެތް ވާހަކަތަކަކީ އެކަމުގެ ސަބަބުން ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ދެމެދު އޮތް ގުޅުމަށް ބުރޫއަރައި، އެކުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސްއެޅިދާނެ ކަންތައްތައް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުންޏެވެ.

އިންޑިއާގެ އޮޑިޝާގެ ކަލިންގާ ސްޓޭޑިއަމްގައި މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ 62 ވަނަ ނޭޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފަސް ދުވުންތެރިޔަކު ވާދަކުރެއެވެ. އެއީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި ހުސައިން ރިޒާ އާއި ހުސައިން ފަޒީލް ހާރޫނާއި އަހުމަދު ނަޖުދާން އަބްދުﷲ އަދި ޒިވާ މޫސާ ޝަފީއުއެވެ.

comment ކޮމެންޓް