ޕީޕީއެމް މުޒާހަރާގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހައްޔަރުކޮށްފި

މެމްބަރު އާދަމް ޝަރީފް ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އަރުވާފައި---

ރައީސް ޔާމީން މިނިވަންކުރުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދާ ސިލްސިލާ މުޒާހިރާގެ ތެރެއިން މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހައްޔަރުކޮށްފިއެވެ.

މުޒާހަރާގެ ތެރެއިން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ހައްޔަރުކޮށްފައިވަނީ, ސީދާ ކީއްވެގެންކަމެއް އަދި ސާފެއް ނުވެއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ މުޒާހަރާގައި މެމްބަރު އާދަމް ޝަރީފް ހައްޔަރުކުރިއިރު ޕީޕީއެމަށް ނިސްބަތްވާ ބައެއް އާއްމު މެމްބަރުން ވެސް ފުލުހުން ހައްޔަރުކުރިއެވެ.

މިކަމާއި ގުޅިގެން ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދިޔަ އިޙުތިޖާޖުގެ ތެރެއިން އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކުއްލިގޮތަކަށް ހައްޔަރުކޮށްފައިވާ ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އަދި އެހެނިހެން ބައިވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާފައެވެ.

ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ހައްޔަރުކޮށްފައި ވަނީ، އިޙުތިޖާޖުގެ ތެރޭގައި ސުލްޙަވެރިކަމާ އެކު ހުންނަވަނިކޮށް އެއްވެސް އިންޒާރެއް ދިނުމެއް ނެތިކަމަށް ވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

އިދިކޮޅުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އިޙުތިޖާޖުގެ ތެރެއަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޕެޕާ ސްޕްރޭ ޖެހުމާއި، ބައިވެރިންގެ ތެރެއަށް ފުލުހުން ވަދެގަތުމާއި އަދި އަނިޔާވާ ގޮތްގޮތަށް މީހުން ހައްޔަރުކުރުމުގެ އިތުރުން ގަސްތުގައި އަނިޔާކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް