ނަފުސާނީ އެހީއާ އެކު މައްސަލަތައް ހައްލުކުރަން ދަރިވަރުންނަށް ދަސްވާނެ: މިނިސްޓަރު

ސްކޫލްތަކުގެ ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ހެލްޕްލައިން އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ސްކޫލްތަކުގައި މުޅިން އަލަށް ޤާއިމްކުރި، ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ހެލްޕްލައިންއާ އެކު ދަރިވަރުންނަށް ކުރާ އެކި ކަހަލަ ނޭދެވޭ އަސަރުތަކުން އަރައިގަނެ ދިމާވާ އެފަދަ ހާލަތްތައް އަމިއްލައަށް ހައްލުކުރާނެ އުކުޅުތައް ދަސްވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ހެލްޕްލައިން އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ސްކޫލުތައް ބަންދުވެ ދަރިވަރުން ގޭގައި ތިބެން ޖެހުމާ އެކު ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށެވެ. އަދި، އެ ދުވަސްވަރު ދަރިވަރުންނަށް ބޭނުންވާ ނަފުސާނީ ފުރަތަމަ އެހީ ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ނަމަވެސް އެ ކަން އޭރު ކާމިޔާބު ނުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިޖްތިމާއީ ހާލަތްތަކުގައި މުއާމަލާތް ކުރުމާއި ގުޅުންތައް ގާއިމްކުރުމުގައި ދަރިވަރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭކަން ވަނީ ފާހަގަކުރެވިފައި. އަދި، ބައެއް ދަރިވަރުންނަށް ކުރި ނަފުސާނީ އަސަރު މިހާރު ވަނީ ދާއިމީ ބައްޔަކަށް ވެސް ވެފައި. އެހެންވީމަ ދަރިވަރުންނަށް ނަފުސާނީ ފުރަތަމަ އެހީ ދިނުން މުހިންމުކަން ވަނީ ހާމަވެފައި، އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ

މިނިސްޓަރު ވިދާޅުވީ މިހާރު ސްކޫލުތަކަށް ބަލާއިރު 27 ޕަސެންޓް ސްކޫލްތަކުގައި ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް ހުރިހާ ސްކޫލުތަކެއްގައި މި އެހީ ފޯރުކޮށްދިނުމުގެ ދާއިމީ ނިޒާމެއް މިއަދު ގާއިމްކުރެވިގެން ދިޔައީތީ އެކަމާ ވަރަށް އުފާކުރައްވާ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ދިމާވާ ކުޑަކުޑަ ކަމެއްގައި ދަރިވަރަށް އެކަމުން އަރައިގަންނާނެ އުކުޅުތައް ނޭނގޭނަމަ ކުއްޖާ މާޔޫސް ކޮށްލާނެ ކަމަށާއި އޭގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރާނޭ ކަމަށެވެ. އަދި، މި އަސަރުތަކަކީ ކުއްޖާގެ މުޅި ދިރިއުޅުމުގައި އެކަމުގެ ވޭން ތަހައްމަލް ކުރަންޖެހޭ ކަމަކަށް ވެގެން ވެސް ގޮސްދާނެ ކަމަށް ވިދާޅުވިއެވެ.

"އެހެންނަމަވެސް މިއަދު އިފްތިތާހްކުރެވިގެން މިދިޔަ ހެލްޕްލައިނާ އެކު އުންމީދަކީ އެކަމުން ދަރިވަރުންނަށް އެހީތެރިކަން ލިބެންވާ އެންމެ ފުރިހަމައަކަށް ލިބިގެން ދިޔުން. އެއްވެސް ގޮތަކަށް އެހީއަށް އެދުމަކީ ލަދުކަމެއް ނޫން. އެހެންވީމަ މި ހެލްޕްލައިންގެ ބޭނުން ހިފުމަށް ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ވެސް ދައުވަތު އަރުވަން." އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ޑަބްލިއުއެޗްއޯއާއި ޔުނިސެފްގެ އެހީތެރިކަމާ އެކު ގާއިމްކުރި މި ހެލްޕްލައިނަކީ ރާއްޖޭގައި މިގޮތަށް ގާއިމް ކުރެވުނު ފުރަތަމަ ހެލްޕްލައިނެވެ.

މީރުމާގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި މި ހެލްޕްލައިން ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.

މި ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ދިމާވާ ކަންބޮޑުވުންތަކާއި ގުޅިގެން ކުރިމަތިވާ ނަފުސާނީ މައްސަލަތައް ހައްލުކުރުމަށް ކައުންސެލިން ދިނުމާއި ދަރިވަރުންނަށް އާލީ އިންޓަވެންޝަން ދިނުން ހިމެނެއެވެ. އޭގެ އިތުރުން މި ހެލްލައިނާ އެކު ސްކޫލުތަކުގެ ކައުންސެލިންގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރެވިގެން ދާނެއެވެ.

comment ކޮމެންޓް