ނަޝީދާއި އީވާ މަޖިލިސް ހައިޖެކު ކޮށްފި: ރޮޒައިނާ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އާދަމް-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ، ރައްޔިތުންގެ މަޖިލީސް "ހައިޖެކް" ކޮށްފި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވެ އިއްޔެގެ ޖަލްސާގެ އެޖެންޑާގައި އެ މައްސަލަ ހިމަނާފައި ނުވާތީ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އެއަށްފަހު މިއަދުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ރިޔާސަތާ ހަވާލުވުމަށް ރައީސް ނަޝީދު އުޒުރުވެރިވެފައިވާތީ، ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތުމުން މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ޖަލްސާ ނިންމާލައްވާފައެވެ.

އެކަމާ ގުޅިގެން ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ދެ ބޭފުޅުންގެ އިތުބާރު ނެތް ކަމަށް ސޮއި ހަމަކޮށް މައްސަލަ ހުށަހެޅުމުން ވެސް މަގާމުގެ ދަހިވެތިކަމުގައި މަޖިލިސް ހައިޖެކް ކޮށްފައިވާ ކަމަށެވެ. އަދި، ރައީސް ނަޝީދު ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެފައި ވާތީ ރޮޒައިނާ ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރޮޒައިނާ ވަނީ ވަރަށް ބޮޑަށް ރައީސް ނަޝީދަށް ފާޑު ވިދާޅުވެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައި ވަނީ އެ މަނިކުފާނު ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި، މަޖިލީހުގެ ރިޔާސަތާ ހަވާލު ނުވެ، މަޖިލީހުގެ އިދާރާގައި ކުރިއަށްދާ އެހެނިހެން ކަންކަމުގައި އުޅުއްވާކަން ފާހަގަކުރައްވައި އެ ކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

އީވާގެ މައްސަލަ އެޖެންޑާ ނުކުރުމުން އިއްޔެގެ ޖަލްސާ ވެސް ކުރިއަކަށް ނުގެންދެވުނެވެ. ސަރުކާރަށް ތާއީދުކުރާ މެންބަރުން އިހްތިޖާޖު ކުރުމުން އިއްޔެގެ ޖަލްސާ ވަނީ ނިންމާލައިފައެވެ.

އީވާގެ މައްސަލަ މިއަދު އެޖެންޑާކޮށްގެން ފެށިއިރު ގަވާއިދުގައިވާ ގޮތުން އެ ޖަލްސާގެ އިންތިޒާމްތައް ހަމަޖައްސަން ޖެހެނީ އާންމު ކޮމިޓީންނެވެ. ނަމަވެސް އެ ކޮމިޓީ ފުރިހަމަ ކުރާނެ ގޮތަކަށް ޕާޓީތަކަށް އެއްބަސްނުވެވިގެން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކާނެ މެންބަރުންނާއި ވަގުތު ގަވާއިދުގައި ބުނާ ގޮތަށް ކަނޑައަޅައިފައެއް ނުވެއެވެ.

ކޮމިޓީތައް ހުއްޓިފައިވަނީ މަޖިލީހުގެ 13 މެންބަރަކު އެމްޑީޕީ ދޫކޮށްލުމުން, މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައިސްފައިވާ ބަދަލާ އެއްގޮތަށް ކޮމިޓީތައް އެކުލަވައިލުމުގައި ސިޔާސީ ޕާޓީތަކަށް އެއްބަސް ނުވެވިގެންނެވެ.

comment ކޮމެންޓް