ހަށިވިއްކުމުގެ ނެޓްވޯކުން އަތުލައިގަތް އެކަކު ބުނީ ރާއްޖެ އައީ ފިރިމީހާއާއެކު ޗުއްޓީއަށް ކަމަށް

ހަށިވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިގެން މީގެ ކުރިން މިރޭ ފުލުހުން ބަލައިފާސްކުރި ހ. ބިއުޓީ ހެލްތު ބޮޑީ ލައިފް އިން ހައްޔަރުކުރި ބިދޭސީ ހަތަރު އަންހެން ކުދިން ގެންދަނީ: ދާދި ފަހުން ވަނީ ހަށިވިއްކާ ކަމުގެ ތުހުމަތުކުރެވޭ ބައެއް އަތުލައިގަނެފަ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކުރި 13 މީހުންގެ ތެރެއިން އެކަކު ރާއްޖެއައީ ފިރިމީހާއާއެކު ޗުއްޓީއަކަށް ކަމަށް ބުނެފިއެވެ.

ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ އަށް ފިރިހެނުންނާއި ހަމަ އެ ގައުމުގެ އަންހެނެއްގެ އިތުރުން ތައިލެންޑްގެ ހަތަރު އަންހެނެކެވެ.

އެ މީހުންގެ ތެރޭގައި ހިމެނޭ ބަންގަލަދޭޝްގެ 28 އަހަރުގެ އަންހެން މީހާގެ ބަންދުގެ މުއްދަތު އިއްޔެ ވަނީ ދެވަނަ ފަހަރަށް އިތުރުކޮށްފައެވެ. އޭނާގެ ބަންދަށް އިތުރުކޮށްދިނީ 15 ދުވަހެވެ.

ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުން އެނގޭ ގޮތުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔައީ ގެސްޓްހައުސެއްގެ ނަމުގައި ހިންގާ ތަނެއްގެ ތެރޭގައެވެ. ނަމަވެސް އެ ވިޔަފާރި ކުރުމަށް ދޫކުރާ ހުއްދަ ނަގާފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މި އަންހެންމީހާ ހަށިވިއްކުމުގެ ވިޔަފާރިކުރުމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ހެކި އެތަނުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް އޭނާ ބުނެފައިވަނީ, އޭނާ ރާއްޖެ އައީ ޗުއްޓީ ހޭދަކުރުމަށް ފިރިމީހާ އެކުގައި ކަމަށެވެ.

ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި އަތުލައިގަތް އެ މީހުންގެ ތެރެއިން އެކި މީހުންނާ އެކި ޓާސްކްތައް ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން އެއް ބަޔަކު ގެސްޓްހައުސް ހިންގާއިރު އަނެއް ބަޔަކު ސޯޝަލް މީޑިއާފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހަށިވިއްކުން އިސްތިހާރު ކޮށް މީހުން ހޯދާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. އަދި ހަށިވިއްކާ އަންހެނުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި ވެސް ބައެއް މީހުން ހަރަކާތްތެރިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުން ތެރެއިން އުމުރުން 33 އަހަރުގެ ބަންގަލަދޭޝް ފިރިހެން މީހެއްގެ ބަންދަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ 15 ދުވަސް އިތުރު ކޮށްދީފައެވެ. އޭނައަށް ތުހުމަތުކުރަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުން މީހުން ގެނެސް ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމަށެވެ.

އެގޮތުން މައްސަލައިގައި ހައްޔަރުކުރި އެހެން މީހުން ވެސް ވަނީ އެކަމަށް ބާރުލިބޭ ގޮތަށް ވާހަކަ ދައްކާފައި ކަމަށް ފުލުހުން ބުނެފައިވެއެވެ. ހަށިވިއްކުމުގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ އެ މީހާ އެހެން މީހުންނާ (އެ މައްސަލައިގައި ހައްޔަރުކުރި) މުއުމަލާތް ކޮށްފައިހުރި ކަމުގެ ހެކި ވެސް ފުލުހުން ވަނީ ހޯދާފައެވެ.

comment ކޮމެންޓް