ވޯލްޑް ކަޕް ތަށީގައި އަތްލި ސޯލްޓް ބޭ ޗެމްޕިއަންސް ލީގު ފައިނަލުން ވެސް ފެނިއްޖެ

ސޯލްޓް ބޭ، ވޯލްޑް ކަޕް ތަށި ހިފަހައްޓާލައިގެން -- ފޮޓޯ/ ގެޓީ

މަޝްހޫރު ލަގްޒަރީ ރެސްޓޯރެންޓުތަކެއް ހިންގާ ޝެފް ސޯލްޓް ބޭ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ވެސް ފެނިއްޖެއެވެ.

ސޯލްޓް ބޭގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ނުސްރެތު ގޯޗޭއަށް ވަނީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލަށް ފަހު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ސޯލްޓް ބޭއަށް ފާޑުކިޔުންތަކާ އަމާޒުވީ އާޖެންޓީނާއިން ވޯލްޑް ކަޕް ކާމިޔާބުކުރުމާ އެކު ދަނޑުމަތީގައި ކުޅުންތެރިންނާ އެކު ފޮޓޯ ނަގައި، ތަށީގައި ވެސް އަތްލުމާ ގުޅިގެންނެވެ.

ސޯލްޓް ބޭ، ޗެމްޕިއަންސް ލީގު ފައިނަލުގައި -- ފޮޓޯ/ ޓުވިޓާ

ސޯލްޓް ބޭގެ އުފަން ގައުމު ތުރުކީގައި ރޭ މެންޗެސްޓާ ސިޓީ އާއި އިންޓަ މިލާން ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލަށް ވެސް އޭނާ ހާޒިރުވިއެވެ. ނަމަވެސް މެޗު ނިމުމުން ސޯލްޓް ބޭ ދަނޑަށް އެރި ކަމެއް ކަށަވަރެއް ނުވެއެވެ.

ވޯލްޑް ކަޕްގެ ތައްޓަކީ ހާއްސަ ޝަރަފެއް ދީފައިވާ ތައްޓެކެވެ. ވޯލްޑް ކަޕްގެ ތަށީގައި އަތްލުމުގެ ހުއްދަ ލިބެނީ ހަމައެކަނި އެ މުބާރާތް ކާމިޔާބުކުރާ ކުޅުންތެރިންނާއި އެ ޓީމެއްގެ އޮފިޝަލުންނަށެވެ. އޭގެ އިތުރުން ދެން ހުއްދަ ލިބެނީ ގައުމުތަކުގެ އެންމެ މަތީ ވެރިންނަށެވެ.

ވޯލްޑް ކަޕްގެ ތަށީގައި ސޯލްޓް ބޭ އަތްލުމާ ގުޅިގެން ފީފާއިން ވަނީ ތަހުގީގެއް ވެސް ހިންގައިފައެވެ. ފީފާ އިން ބުނެފައިވާ ގޮތުގައި ސޯލްޓް ބޭ އަކީ ދަނޑަށް އެރުމުގެ ހުއްދަ ލިބިފައިވާ މީހެއް ނޫނެވެ. އަދި، އޭނާއަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް އޭރު ފީފާއިން ދިނެވެ.

comment ކޮމެންޓް