ގޯލުގެ ކުރިން ދެއްކުނު ކުޅުމާ މެދު ހިތްހަމައެއް ނުޖެހޭ: ރޮޑްރީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަ ކޮޅަށް ގޯލު ޖެހުމަށްފަހު، ރޮޑްރީ އުފާފާޅުކުރަނީ -- ފޮޓޯ/ މެންޗެސްޓާ ސިޓީ

އިންޓަ މިލާން ކޮޅަށް ޖެހި ގޯލުގެ ކުރިން މެޗުގައި ދެއްކުނު ކުޅުމާ މެދު ހިތްހަމަނުޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީ ބުނެފިއެވެ.

ތުރުކީގެ އިސްތަންބޫލުގައި ރޭ ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަ މިލާން އަތުން ސިޓީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު ސިޓީން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު، މެޗުގައި ސިޓީއަށް ގޯލު ޖަހައިދިނީ އުމުރުން 26 އަހަރުގެ މިޑްފީލްޑަރު ރޮޑްރީއެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ރޮޑްރީ ބުނީ އެ މުބާރާތް ކާމިޔާބު ކުރެވުމުން ދެކެމުން އައި ހުވަފެން ހަގީގަތަކަށްވެފައިވާ ކަމަށާއި އެއީ ސަޕޯޓަރުން އެތައް އަހަރެއް ވަންދެން ކުރަމުންދިޔަ އުންމީދެއް ކަމަށެވެ. އަދި، މުބާރާތް ކާމިޔާބު ކުރެވުމުން ތަރުހީބު ދިން އެންމެންނަށް ޝުކުރު އަދާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިއީ ފަސޭހަ މެޗެއް ނޫން. އެކަމަކު އަހަރެމެން ކައުންޓާ އެޓޭކުތައް އަރައި، ރަނގަޅަށް ޑިފެންސް ވެސް ކުރިން. ޓީމަށް ކުރެވެން ހުރި ހުރިހާ ކަމެއް އަހަރެމެން ކުރިން. ފުރަތަމަ ހާފުގައި އަހަރެންނަށް ދެއްކުނީ ވަރަށް ދަށް ކުޅުމެއް. ކޮންމެ މެޗެއްގެ ހުރިހާ ވަގުތެއްގައި އެންމެ ރަނގަޅު ކުޅުން ދެއްކުމަކީ އުނދަގޫ ކަމެއް. ނަމަވެސް އަހަރެމެންނަށް މޮޅެއް ހޯދިއްޖެ،" އޭނާ ބުންޏެވެ.

ޗެމްޕިއަންސް ލީގަކީ ސިޓީން މި ސީޒަނުގައި ކާމިޔާބުކުރި ތިންވަނަ މުބާރާތެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނުކުތް އިރު، ސިޓީން ވަނީ އިނގިރޭސި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. އެހެންކަމުން ސިޓީ ވެގެން ގޮސްފައިވަނީ 1999 ވަނަ އަހަރަށް ފަހު އެއް ސީޒަނެއްގައި ތިން ތަށި ހޯދި އިނގިރޭސި ފުރަތަމަ ޓީމަށެވެ. މީގެ ކުރިން 1999 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަނީ އެއް ސީޒަނެއްގައި ތިން ތަށި ހޯދައިފައެވެ.

comment ކޮމެންޓް