''އިންޑިއާ އައުޓް'' ބެނާގެ މައްސަލައިގައި އިދިކޮޅުގެ ތުހުމަތުތައް ސަރުކާރުން ދޮގުކޮށްފި

ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި އިންޑިއާ އައުޓް ބެނާ ދަމާފައި --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ކަނޑުގެ ސަރަހައްދު ބެހި ގޮތުން ހިތްހަމަނުޖެހިގެން އިދިކޮޅު ޕާޓީތަކުން އެކުލަވާލައިފައިވާ އިއްތިހާދުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި "އިންޑިއާ އައުޓް" ބެނާ ދެމީ ސަރުކާރުން އަޑީގައި ތިބެގެން ކަމަށް ބުނެ އިދިކޮޅުން ކުރި ތުހުމަތުތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ކަނޑުގެ ސަރަހައްދު ބެހި ގޮތުން ހިތްހަމަނުޖެހިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި އެމްއެންޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސްއިން ވަނީ އިއްތިހާދެއް އެކުލަވާލައިފައެވެ.

އެ އިއްތިހާދުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި "އިންޑިއާ އައުޓް" ބެނާ ދެމީ ސަރުކާރުން ފޮނުވި ބަޔަކު އަޑީގައި ތިބެ އެ އިއްތިހާދު ރޫޅާލަން ކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ އިން ތުހުމަތުކޮށް އިއްޔެ ވަނީ، އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ވަނީ އެއީ ޖަލްސާގެ މިސްރާބު ބަދަލު ކުރުމަށް ސަރުކާރުން ރާވައިގެން ހިންގި އަމަލެއް ކަމަށެވެ. އިދިކޮޅުން ތުހުމަތު ކުރި ގޮތުގައި އެއީ ސަރުކާރުގެ ބަޔަކު އަޑީގައި ތިބެގެން ފަންޑު ކޮށްގެން ފޮނުވި ބައެކެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ، އެފަދަ އެއްވެސް ކަމެއްގައި ސަރުކާރުގެ އަތެއް ނުވާނެ ކަމަށެވެ.

"އެއް ގަލަކަށް ނޭރޭ ސިޔާސީ ބޭފުޅުން އެއް ބަޔަކު އަނެއް ބަޔަކަށް ލަނޑު ދިނީމަ އެ ކަމުގެ ތެރެއަށް ސަރުކާރު ވައްދަން އުޅެނީ،" އޭނާ ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދުން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގެ ތެރެއަށް އިންޑިއާ އައުޓް ޓީޝާޓް ލައިގެން ތިބި ބަޔަކު ވަދެ، ވަނީ އިންޑިއާ އައުޓް ބެނާ އެއް ދަމަން މަސައްކަތް ކޮށްފައެވެ. އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރެނު ބަޔާނުގައި ވަނީ، ޖަލްސާގެ ކުރިން އެފަދަ ކަމެއް ސަރުކާރުގެ ފަރާތުން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހަމައެއާ އެކު، އެފަދަ ކަމެއް ހިނގައިފިނަމަ، ސުލްހަވެރިކަމާ އެކު އެކަން ކުރާ ބަޔަކު ޖަލްސާއިން ނެރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ޖަލްސާ އިންތިޒާމުކުރި ފަރާތުން ތިބީ ތައްޔާރަށް ކަމަށް އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ، އެފަދަ ފިނޑި ނާތަހުޒީބު އަމަލުތައް ހިންގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން "ގެއްލުނު" ސަރަހައްދު އަނބުރާ ހޯދަން އުފެއްދި ގުޅިފައިވާ ބޮޑު އިއްތިހާދު ރޫޅާލުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

އިންޑީއާ އައުޓް ހަރަކާތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ތިބި ކަމަށް ތުހުމަތުކޮށް، އެ މީހުން ރާއްޖެއިން ފޭބުމަށް ގޮވާލާ، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ފެއްޓެވި ހަރަކާތެކެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން އެ ހަރަކާތް މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަމުން ދަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ގަރާރަކުން ވަނީ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ އަމަލެއްގެ ގޮތުގައި ކަނޑައަޅައި އެ ހަރަކާތް ހުއްޓުވާފައެވެ.

ހުކުރު ދުވަހުގެ ރޭގެ ޖަލްސާގައި، އެ އަމަލު ހިންގާފައި ވަނީ ސަރުކާރުން ކަމަށް، އިދިކޮޅު އިއްތިހާދުގައި ހިމެނޭ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވަން މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓްސް" އިން ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

comment ކޮމެންޓް