ސައުދީގެ ހުށަހެޅުން ގަބޫލުކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް ބެންޒެމާ ދޮގުކޮށްފި

ސްޕެނިޝް ލަލީގާގައި އަލްމޭރިއާ ކޮޅަށް ގޯލު ޖެހުމަށްފަހު ރެއާލްގެ ކެޕްޓަން ބެންޒެމާ އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

ރެއާލް މެޑްރިޑްގެ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާއަށް ސައުދީ އަރަބިއާގެ އަލް އިއްތިހާދުން ހުށަހެޅި ބޮޑު ހުށަހެޅުން ގަބޫލުކޮށްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

ރެއާލާއެކު ބެންޒެމާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ނިޔަލަށް ނިމުމަކަށް އަންނަ އިރު، އަލް އިއްތިހާދުން ދެ ސީޒަނަށް 400 މިލިއަން ޔޫރޯ (439 މިލިއަން ޑޮލަރު)ގެ ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި ރެއާލާއެކު ހަދާފައިވާ ކޮންޓްރެކްޓް އާނުކޮށް، ބެންޒެމާ ނިންމާފައިވަނީ އަލް އިއްތިހާދުގެ ހުށަހެޅުން ގަބޫލު ކުރުމަށެވެ. އަދި އެކަން ރެއާލްގެ މެނޭޖްމަންޓަށް ވެސް ބެންޒެމާ އަންގާފައިވާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެމުން ބެންޒެމާ ބުނީ އިންޓަނެޓް މެދުވެރިކޮށް ކޮންމެ ފަދަ ވާހަކައެއް ވެސް ފެތުރިދާނެ ކަމަށާއި އިންޓަނެޓްގައި ފެތުރޭ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ނޫން ކަމަށެވެ.

އުމުރުން 35 އަހަރުގެ ބެންޒެމާ ރެއާލާ ގުޅިފައިވަނީ 2009 ވަނަ އަހަރު ފްރާންސްގެ ލިޔޯނުންނެވެ. އޭނާ ވަނީ މިހާތަނަށް ރެެއާލަށް 430 އަށްވުރެ ގިނަ މެޗު ކުޅެ، 230 އަށްވުރެ ގިނަ ގޯލު ޖަހައިފައެވެ.

ސައުދީން ޝައުގުވެރިވާ ހަމައެކަނި ކުޅުންތެރިޔަކީ ބެންޒެމާއެއް ނޫނެވެ. ސައުދީގެ އަލް ނަސްރަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ވެސް ކުޅުމުން އަންނަ އިރު، އަލް ހިލާލުން ވަނީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ހޯދުމަށް 500 މިލިއަން ޔޫރޯ (541 މިލިއަން ޑޮލަރު)ގެ ހުށަހެޅުމެއް ހުށަހަޅައިފައެވެ. އޭގެ އިތުރުން ބާސާގެ ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާ ވެސް ސައުދީ ޕްރޯ ލީގުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް