އާލާ ބޯޓު އަޑިއަށް ދިޔުމުން މަޑުއްވަރީ ރައްޔިތުންނަށް ބޮޑު ގެއްލުމެއް

އަޑިއަށް ދިޔަ އާލާ ބޯޓު -- ފޮޓޯ/ އެމްއެންޑީއެފް

މުދާ ބަރުކޮށްގެން މާލެއިން ރ. އަތޮޅަށް ދަތުރު ކުރަމުންދިޔަ "އާލާ ބޯޓު" ދިޔަވެ އަޑިއަށްދިޔުމުން ރ. މަޑުއްވަރީގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ބޮޑު ގެއްލުމެއް ލިބިއްޖެއެވެ.

ރޭ ފަތިހުގެ ވަގުތެއްގައި އެ ބޯޓު އަޑިއަށް ދިޔައީ ރާޅެއް އަރައި ދިޔަވެގެންނެވެ. އެއިރު އެ ބޯޓު އޮތީ ބ. އޭދަފުށީގެ ދެކުނުން 2.5 މޭލު ބޭރުގައެވެ. ކޯސްޓްގާޑުން ވަނީ އެ ބޯޓުގައި ތިބި 15 ފަޅުވެރިން ސަލާމަތްކޮށްފައެވެ. އެ ބޯޓުން ސަލާމަތްކުރި 15 މީހުންގެ ތެރޭގައި ބިދޭސީންނާއި އަތޮޅުގެ އެހެން ރަށް ރަށުގެ މީހުންވެސް ހިމެނެއެވެ.

މިހާދިސާގައި ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް އަނިޔާ ނުވި ނަމަވެސް ބޯޓުގައި ހުރި އެއްވެސް މުދަލެއް ސަލާމަތްކުރެވޭގޮތެއް ނުވިއެވެ.

އެމްއެންޑީއެފުން ވަނީ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުން ބައެއް ތަކެތި އިރުއުތުރަށްވާ ގޮތަށް އޮޔާ ދާތީ އެކަމަށް ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އަޑިއަށް ދިޔަ އާލާ ބޯޓު -- ފޮޓޯ/ އެމްއެންޑީއެފް

"ސަން"އާ ވާހަކަދެއްކި މަޑުއްވަރީގެ ވިޔަފާރިވެރިއަކު ބުނީ އެ ބޯޓުގައި އެރަށު ގިނަ ވިޔަފާރިވެރިންގެ މުދާ ހުރި ކަމަށެވެ.

"ބޯޓާއެކު އަޅުގަނޑުގެ ވެސް 86،000 ރުފިޔާގެ މުދާ ވަނީ އަޑިއަށް ގޮސްފަ. ބައެއް އެހެނިހެން ވިޔަފާރިވެރިންގެ ދެ ލައްކައަށް ވުރެ ގިނަ މުދާ އެބަވޭ ބޯޓާއެކު އަޑިއަށް ގޮސްފަ. މިއީ ހީކުރި ވަރަށް ވުރެ ބޮޑު ގެއްލުމެއް،" މަޑުއްވަރީ ވިޔަފާރިވެރިޔަކު ބުންޏެވެ.

އަޑިއަށް ދިޔަ އާލާ ބޯޓު -- ފޮޓޯ/ އެމްއެންޑީއެފް

މި ހާދިސާއާ ގުޅިގެން 'ސަން' އާ ވާހަކަ ދައްކަވަމުން މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސާދިގް ވިދާޅުވީ މިއީ އެ ރަށަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"އެއް އޭޖެންޓް އަތުން ކާޑު އެއްކޮށް ހުސްވެފަ. ދެން ހުރި އޭޖެންޓް އަތުގައި ހުރި ކާޑު ވަރަށް ބޮޑަށް މެނޭޖްކޮށްގެން އަޅުގަނޑުމެން މިއުޅެނި. އެސްޓީއޯއަށް ވެސް އަޅުގަނޑުމެން ގުޅައިފިން މިކަމުގަ" މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސާދިގް

މާލެއިން މުދާ ބަރުކޮށްގެން އެ ބޯޓު އާންމުކޮށް ދަތުރު ކުރަނީ މަޑުއްވަރީގެ އިތުރުން އެއަތޮޅު މީދޫ އާއި ބ. ކެންދުއަށެވެ.

comment ކޮމެންޓް