4 އަހަރު ކުރިން ކަނޑަށް ގެއްލުނު މިންހާޖް މަރުވެފައިވާ ކަމަށް ކަނޑައަޅައިފި

ކަނޑަށް ގެއްލިފައިވާ ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖް މަރުވެފައިވާ ކަމަށް ހިތަދޫ ކޯޓުން ކަނޑައަޅައިފިއެވެ.

އުމުރުން 28 އަހަރުގެ މިންހާޖް ގެއްލިފައިވަނީ އޮކްޓޫބަރު 5، 2022 ގައެވެ. ކަށުނަމާދުގެ މައުލޫމާތުތައް ގެނެސްދޭ ސޯޝަލް މީޑިއާ ޕޭޖުން މިއަދު އިއުލާންކޮށްފައިވާ ގޮތުގައި، މިންހާޖްގެ ޣައިބަށް ކުރާ ކަށުނަމާދު މާދަމާ ހުކުރު ނަމާދަށް ފަހު ސަލްމާން މިސްކިތުގައި އޮންނާނެއެވެ.

ގެއްލޭ މީހުން ވަކި މުއްދަތެއްގެ ތެރޭގައި ނުފެންނަ ނަމަ އެއީ މަރުވެފައިވާ މީހެއް ކަމަށް ކަނޑައެޅުމުގެ ބާރު ކޯޓަށް އޮވެއެވެ.

https://www.sun.mv/169276

މިންހާޖް ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން އޮކްޓޫބަރު 15، 2022 ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވި ގޮތުގައި، އެ މަހުގެ ފަސްވަނަ ދުވަހު މިންހާޖަށް ވީނުވީއެއް ނޭނގިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. އަދި މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން ވެސް ޖެހިގެން އައި ދުވަހުގެ 13:00 ހާއިރު ރިޕޯޓްކުރިއެވެ. ދެ ފިރިހެނުން ދަތުރުކުރި އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި އއ. މާޅޮހުގެ ދެކުނުން ފެނުނީ އެ މަހުގެ ހަތް ވަނަ ދުވަހެވެ.

އެ ލޯންޗުން މިންހާޖާއެކު ދަތުރުކުރި ޅ. ހިންނަވަރު، އަލީ މުހައްމަދު ވަނީ އއ. ފެރިދޫ ފުއްޓަރާ ދިމާލުން ފެނިފައެވެ.

އަލީ މުހައްމަދު ކައިރިން މައުލޫމާތު ސާފުކުރުމަށް ފަހު، މެރިން ޕޮލިހާއި އއ. އަތޮޅުގެ ފުލުހުން ގުޅިގެން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކެއް ފަށައި، ޚާއްސަ ތަހުގީގު ޓީމެއް އެ އަތޮޅަށް ފޮނުވި ކަމަށް ބަޝީރު ވިދާޅުވިއެވެ.

ނަމަވެސް ލޯންޗު ބަންޑުންޖަހާލި ހިސާބާއި އޭގައި ވަރަށް ގިނަ އަދަދަކަށް ތެޔޮ ހުރުން ފަދަ ކަންކަމާ ހުރެ، އަލީ މުހައްމަދުގެ ވާހަކަތަކުގައި ޝައްކުތަކެއް އުޅޭ ކަމަށް ބަޝީރު ފާހަގަކުރެއްވިއެވެ.

މިންހާޖް ހޯދުމަށް އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓާއި ކޯސްޓްގާޑްގެ ލޯންޗުން 78 ގަޑިއިރު ވަންދެން ހިންގި އޮޕަރޭޝަން ހުއްޓާލި ނަމަވެސް، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް އޭރު ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅޭގޮތުން މިއަދު ފުލުހުންގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

comment ކޮމެންޓް