ހުޅުމާލޭ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރަށް ދެއްކުމަށް ބޮޑު ކިއޫއެއް

ހުޅުމާލޭ ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް ރަސްމީކޮށް ހުޅުވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވާފައިވާ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ސެންޓަރަށް ދެއްކުމަށް ގިނަ ބަޔަކު ކިއޫގައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

އެ ސެންޓަރު ރަސްމީކޮށް ހުޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް ހުޅުވި މި ސެންޓަރުގެ މަސައްކަތްތަކާ ބެހޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެ ހޮސްޕިޓަލުގެ ކޮމިއުނިކޭޝަންސް ހެޑް، އަބްދުﷲ މައުރޫފް މިއަދު "ސަން"އަށް ވިދާޅުވީ، ޚިދުމަތް ދޭން ފެށިއިރުން ފެށިގެން ވެސް އެ ސެންޓަރަށް ޑޮކްޓަރަށް ދެއްކުމަށް ވަރަށް ގިނަ ބަޔަކު ކިއޫގައިވާ ކަމަށެވެ.

"ވަކި ސީދާ އަދަދެއް ބުނާކަށް ނޭނގޭ. އެކަމު އެންމެ ފުރަތަމަ ޚިދުމަތް ފެއްޓިއިރުން ފެށިގެން ވެސް ގިނަ ބަޔަކު އެބަވޭ ކިއޫގައި،" އޭނާ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ އެ ސެންޓަރު ހުޅުވިއިރު، ދެ ސައިކޮލޮޖިސްޓުން ދުވާލެއްގެ މައްޗަށް 12 ނުވަތަ 15 މީހުންނަށް ފަރުވާދޭން ތިބެއެވެ. ދެ ސައިކޭޓްރިސްޓުން ދުވާލެއްގެ މައްޗަށް 30 މީހުންނަށް އޭރު ފަރުވާދެއެވެ. ހަމައެއާއެކު 24 ގަޑިއިރު އޮންކޯލުގައި ސައިކޭޓްރިސްޓަކު ހުރެއެވެ.

މައުރޫފް ވިދާޅުވީ މި ޚިދުމަތްތައް މިހާރު ފުޅާކުރެވި، އެންމެ ފުރަތަމަ ފެށިއިރަށްވުރެ ގިނައިން ދުވާލެއްގެ މައްޗަށް މިހާރު މީހުންނަށް ޚިދުމަތް ދެވޭ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް މި ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ނަފްސާނީ ފަރުވާދޭ އެ ސެންޓަރުން ސައިކިއޭޓްރިކް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމަންޓްސް، ސައިކޮތެރަޕީ، ކައުންސެލިންގެ ޚިދުމަތުގެ އިތުރުން ކެޑަބަމްސް ފަދަ ކަންކަން ކުރެވޭނެއެވެ.

ހަމައެއާއެކު ސައިކިއޭޓްރިކް ކޮންސަލްޓޭޝަން ދިނުމަށްފަހު ބަލިމީހުން ސައިކޮލޮޖިސްޓުންނަށް ރިފާ ކުރާނެއެވެ. އެގޮތަށް ރިލެކްޝަން ތެރަޕީ، ސީބީޓީ، ބީޓީ އަދި ޑީބީޓީ ހިމެނޭ ގޮތަށް ސައިކޮތެރަޕީ ވެސް ފޯރުކޮށްދެއެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާހޯދުމަށް ގިނަ ބަޔަކު އެދޭއިރު، މީގެ ކުރިން ނަފްސާނީ ބަލިތަކަށް ފަރުވާދޭ ވަކި ތަނެއް ހުންނަނީ ހަމައެކަނި އައިޖީއެމްއެޗުގައެވެ. ނަމަވެސް ސަރުކާރުން ވަނީ، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ހެލްތު މިނިސްޓްރީގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އުފައްދާފައެވެ. މިއީ ރާއްޖޭގައި މިފަދަ ޑިޕާޓްމަންޓެއް އުފެއްދި ފުރަތަމަ ފަހަރެވެ.

ނަމަވެސް އެ ޑިޕާޓްމަންޓް އުފެއްދި ފަހުން ހަ މަސް ފާއިތުވެދިޔައިރު، މާބޮޑު މަސައްކަތްތަކެއް ނުވަތަ ނަތީޖާއެއް ވެސް ނުނެރެވެއެވެ. އެގޮތުން ހަވާލު ކުރެވިފައިވާ ކަންކަން އެއްވެސް ގޮތަކަށް ނުހިނގާ ކަމަށާއި އެ ޑިޕާޓްމަންޓަށް މާބޮޑު އަޅާލުމެއް މިނިސްޓްރީން ނުދޭ ކަން ވަނީ އެނގިފައެވެ.

comment ކޮމެންޓް