3،500 ފޯމާ އެކު ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދާ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން އުފައްދާ ސިޔާސީ ޕާޓީ 'ދަ ޑިމޮކްރެޓްސް' ރަޖިސްޓްރީ ކުރަން 3,560 ފޯމާ އެކު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ސަރުކާރާ ދެމެދު އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހު، ނަޝީދަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން އެމްޑީޕީން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 17 ގައެވެ. އެއަށް ފަހު، އެ މެންބަރުން އިސްވެ ތިއްބަވާ، އާ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އެ މަހުގެ 21 ގައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައެވެ.

ޕާޓީ އުފައްދަން ބޭނުންވާ 3،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ފަށައި މިއަދު އެ ޕާޓީން ވަނީ 3,560 ފޯމު އިލެކްޝަންސް ކޮމިޝަނާ ހަވާލުކޮށްފައެވެ. ޕާޓީ އުފައްދަން ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަންފުޅުގައެވެ.

އެ ފޯމުތައް އިލެކްޝަނާ ހަވާލުކުރުމަށް ފަހުގައި އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ އެ ޕާޓީން މަސައްކަތް ކުރީ 3،500 ފޯމާ އެކު ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅަން ކަމަށާއި އިތުރުވި 60 ފޯމަކީ މިއަދު ލިބުނު ފޯމުތައް ކަމަށެވެ. އަދި، ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އަވަސް ކުރަން އެ ކޮމިޝަނުގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފާހަގަކޮށްލަން، މިއީ މެމްބާޝިޕް ޑްރައިވްއެއް ނޫން. އަޅުގަނޑުމެން ބޭނުންވީ 3،500 ހަމަކޮށްފައި ހުށަހަޅަން،" އޭނާ ވިދާޅުވިއެވެ.

https://sun.mv/177532

ހަސަން ވިދާޅުވީ އެ ބޭފުޅުން ބޭނުންފުޅުވީ ޕާޓީ އުފައްދަން ބޭނުންވާ އަސާސީ އަދަދު ކަމުގައިވާ 3،000 ހަމަކޮށް، ވީހާ ވެސް އަވަހަށް ޕާޓީ ރަޖިސްޓްރީ ކުރަން ކަމަށެވެ. އެހެންވެ، 3،560 ފޯމާ އެކު މިއަދު ވަނީ އެ ޕާޓީ ރަޖިސްޓްރީ ކޮށްދޭން އެދިފައެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ ހަސަންގެ އިތުރުން، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. އެ ޕާޓީ އުފެދުމާ އެކު ވެގެންދާނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށެވެ. އެ ޕާޓީގައި މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުން ތިއްބަވައެވެ.

comment ކޮމެންޓް