އައްޑޫގައި ތޫނުއެއްޗަކުން ހަމަލާދިން ޒުވާނާ މަރުވެއްޖެ

އައްޑޫ ސިޓީ، މަރަދޫ ފޭދޫގައި ތޫނުއެއްޗަކުން ހަމަލާދިން ޒުވާނާ މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރަދޫފޭދޫގެ ގެއެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ރޭ 23:38 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި 27 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އައްޑޫ އިއުކެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި އުމުރުން 27 އަހަރުގެ މީހާއަށް ހަމަލާދީފައި ވަނީ އޭނާގެ ކޮށްކޮއެވެ.

އެ ރަށުން "ސަން"އާ ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި އެމީހާ އޭނާގެ ބޭބެ ގަޔަށް ވަޅި ހަރައިފައި ވަނީ ދިރިއުޅޭ ގޭގެ ދުވާރު މަތީގައެެވެ.

އޭނާ ބުނި ގޮތުގައި، ބޭބެގެ ހަށިގަނޑުގެ އެތަންމިތަނަށް ވަނީ ވަޅިހަރައިފައެވެ. އަދި އޭނާގެ މެއަށް ވެސް ވަނީ ވަޅި ހަރައިފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އޭނާ ލައިގެން ހުރި ހުދު ކުލައިގެ ގަމީސް ވެސް އޮތީ ލެއިން ތަތްތެޅިފައެވެ.

އެނގިފައިވާ ގޮތުގައި މަސްތުގެ ހާލުގައި ހުރެ ބޭބެގެ ގަޔަށް އޭނާ ވަޅި ހަރައިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ.

comment ކޮމެންޓް