ނައީމާގެ މަރުގެ ތުހުމަތުވާ ތިންވަނަ މީހާގެ ބަންދަށް 30 ދުވަސް

ނައީމާ ދިރިއުޅޭ ގެ: އޭނާގެ މަރުގެ ހަގީގަތް އަދިވެސް ނޭނގޭ-- ސަން ފޮޓޯ: އަޙްމަދު ސާއިލް އަލީ

ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި ރޭ މާލެއިން ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ދީފިއެވެ.

ފުލުހުން މިއަދު ބުނީ، ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިންވަނަ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް މިއަދު އެ ކޯޓުން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ހައްޔަރު ކުރީ 21 އަހަރުގެ ހަސަން ފަވާޒް ނަމަކަށް ކިޔާ މީހެކެވެ. މަނަދުއަށް ނިސްބަތްވާ މި ޒުވާނާ ދިރިއުޅެނީ މާލޭގައެވެ. އަދި، ނައީމާގެ ގާތިލުން އެ ރޭ ދުއްވި ކަމަށް ބުނާ ކާރު ނިސްބަތް ވަނީ އޭނާއަށެވެ.

ނައީމާގެ މަރުގެ މައްސަލައިގައި މީގެ ކުރިން ވަނީ މަނަދުއަށް ނިސްބަތްވާ އެހެން ދެ ޒުވާނަކު ވެސް ހައްޔަރު ކޮށްފައެވެ. އަދި، މަރާލަން ބޭނުންކުރި ދެ ހަތިޔާރާއި ގާތިލުން ލައިގެން ތިބި އަންނައުނު ވެސް ފުލުހުން ވަނީ ހޯދާފައެވެ.

ކުރިން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެ ރަށު ފެހިވިލާގެ، އަހްޒަމް އަބްދުއްޝަކޫރު (23) ވަނީ ތަހުގީގުގައި ކުށަށް އިއުތިރާފުވެފައެވެ. އޭނާއަކީ ކުރިން މާލޭގައި ދިރިއުޅުނު މީހެކެވެ. "ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމާގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި އެންމެންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑު އޮންނަ މީހުންނެވެ.

ނައީމާ ދިރިއުޅެމުން ދިޔަ ގޭގެ ކޮޓަރި ތެރޭ އޭނާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހުއެވެ.

comment ކޮމެންޓް