ހިފަހެއްޓި އެފްއެސްއެމްގެ ދެ ބޯޓު އަދިވެސް ނުގެނެވި، ދެ އޮފިޝަލަކު އެފްރިކާއަށް

އެފްރިކާގައި ހިފެހެއްޓި އެފްއެސްއެމްގެ ބޯޓު --

މިސުރުގައި ބަނދެގެން ރާއްޖެ ގެނައުމުގެ މަގުމަތީގައި އެފުރިކާގެ އެރިޓްރިއާގައި ތާށިވި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ދެ ބޯޓު އަދިވެސް ރާއްޖެ ގެނެވޭ ގޮތް ނުވެގެން، އެ ކުންފުނީގެ ދެ އޮފިޝަލަކު އެ ގައުމަށް ދާން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

މިސުރުން ރާއްޖެ އައުމުގެ މަގުމަތީގައި ވިއްސާރަވެ، ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގެ ހުންގާނު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން އަދި ބައެއް ފަޅުވެރިންގެ ހާލު ބޮޑުވުމުގެ ސަބަބުން އެފްއެސްއެމްގެ ދެ ބޯޓެއް ގަވާއިދާ ޚިލާފަށް އެރިތުރިއާއަށް ވަން ކަމަށް ބަލައި ހިފެހެއްޓީ މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ.

އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން، އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ގަސަމް މިއަދު "ސަން"އަށް ވިދާޅުވީ، އަދިވެސް އެ ދެ ބޯޓު ރާއްޖެ ގެނެވޭ ގޮތް ނުވާ ކަމަށެވެ. ނަމަވެސް އެ ބޯޓުތައް ގެނައުމުގެ ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގަސަމް ވިދާޅުވި ގޮތުގައި، އެ ދެ ބޯޓު ގެނައުމުގެ މަސައްކަތުގެ ތެރެއިން އެފްއެސްއެމްގެ ދެ އޮފިޝަލަކާއި ލޯޔަރެއް އެފްރިކާގެ އެރިޓްރިއާއަށް ފޮނުވުމުގެ މަސައްކަތް ކުރާ ކަމަށެވެ.

"މި ދަތުރަކީ، ފޮރިން މިނިސްޓްރީން އިންތިޒާމް ކޮށްދޭ ދަތުރެއް. ދާ މީހުންގެ ވިސާ ކަންކަން ހަމަޖައްސަން އެބަ މަސައްކަތް ކުރޭ ފޮރިން މިނިސްޓްރީން،" އޭނާ ވިދާޅުވިއެވެ.

ގަސަމް ވިދާޅުވީ، ބޯޓުގައި ތިބި އެފްއެސްއެމްގެ މުވައްޒަފުންގެ ހާލަތު ފިޔަވާ އިތުރު އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށެވެ. އަދި އެ ހުރިހާ މުވައްޒަފުންގެ ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި، އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދެ ބޯޓުގައި ތިބީ ހަތަރު ދިވެހިންނާއި މިސުރުގެ ހަތަރު ފަޅުވެރިއެކެވެ. އެ ދެ ބޯޓަކީ ރާއްޖޭގެ އެތެރޭގައި ދުއްވުމަށް ގެންނަ، 250،000 ލީޓަރުގެ ކެޕޭސިޓީގެ ދެ ބޯޓެވެ. މި ދެ ބޯޓު ހިފެހެއްޓި އެރިތުރިއާ އަކީ ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ގައުމެކެވެ.

comment ކޮމެންޓް